ހަމައެއް ނެތި ޚަބަރު ވެބްސައިޓުތަކުގައި ތަޅެއް: ނުރައްކަލެއްތަ؟

ޚަބަރު ވެބްސައިޓުތަކުގައި ތަޅު އެޅުވުމުން ނުރުހުން ވަނީ އަމާޒުވެފައި --

އެއްވެސް އުސޫލެއް އާންމުކުރުމަކައިނުލާ 'ލަދުހުތުރު' ވެބްސައިޓުތައް ބްލޮކްކުރަން ސަރުކާރުން ފެށީ މިދިޔަ ހަފުތާގައެވެ. އެއީ، ކިހިނެއް ކޮން އުސޫލަކުން ކުރާ ކަމެއްކަމެއް މީހަކު ނުބެލީ އެއީ ގޯހެއް ކަމަށް ނުދެކޭތީއެވެ. އެކަމަކު، އެ އުސޫލެއް ނެތް އުސޫލުގެ ތެރެއިން ރޭ ކުއްލިއަކަށް ބޮޑު ތަޅު އެޅުވީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއްގައެވެ.

އެއީ، މި ދެކޭ ޒަމާނީ ޑިމޮކްރަސީގެ ކުރީގައި ދިވެހީން ދުށް މަންޒަރެކެވެ. އެކަމަކު، އެ ހިޖުރައިގެ ފަހުން، އާ ގާނޫނު އަސާސީގައި މިއީ އާ ކަމެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގައި މި ދެކޭ ދުލާއި ގަލަމުގެ މިނިވަންކަން ނެތް ޒަމާނުގައި އެއީ އާންމު ކަމެކެވެ. ސަރުކާރާ ދެކޮޅަށް ލިޔުންތައް ލިޔެގެން އަނިޔާ ލިބުނު މީހުން ބައިވަރެވެ. ބަންދު ކުރި ނޫސްތައް ވެސް އެހާ ގިނައެވެ. ކަންބޮޑުވުމަކީ އެ ހާލުގައި އޮވެ، ހޯދި މިނިވަންކަން އަނެއްކާ ވެސް ހަނިވެދާނެތީއެވެ.

އެެއްވެސް އުސޫލެއް އާންމުކުރުމަކައިނުލާ، ރަޖިސްޓްރީނުކޮށް ހިންގާ ތަނެއް ކަމުގައި ބުނެފައި ސަރުކާރުން ރޭ ވަނީ އެންމެ ބޮޑަށް ސަރުކާރަށް ފާޑުކިޔަމުން އައި ދެ ވެބްސައިޓުގައި ބޮޑު ތަޅެއް އަޅުވައި، ދިވެހީންނަށް އެ ނުކިޔޭ ގޮތަށް ބްލޮކްކޮށްފައެވެ. އެއީ، ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

https://sun.mv/186403

ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ދެ ވެބްސައިޓު ބަންދުކުރަން ޖެހުނު އެއްވެސް ސަބަބެއް ސަރުކާރުން ނުބުނެއެވެ.

އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވިހާ ވެސް އެއްޗަކީ 'ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މާނައިގައި އޮންނާނެ' ކަމަށެވެ. އަދި، ގާނޫނާއި ގަވާއިދުގެ ތެރެއިން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކައި މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ކަންބޮޑުވުމަކީ ސަބަބެއް ނޭންގުން

މި ބަދަލަކީ ނޫސްވެރިންނަށް ބިރެކެވެ. އެ މީހުންގެ ހުރިހާ ވެސް ކަންބޮޑުވުމަކީ އެއްވެސް ސަބަބެއް ނެތި، ހުއްޖަތެއްގައި ބައްދާފައި ސަރުކާރާ ދެކޮޅު ވެބްސައިޓުތައް ބަންދުކުރުމެވެ.

ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ އަދި މިހާރު ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)އަށް ވެސް އޮތީ ކަންބޮޑުވުމެވެ. އޭނާއަށް ފާހަގަކުރެވުނު ގޮތުގައި ބްލޮކްކުރަނީ ސަރުކާރަށް ފާޑުކިޔާ ނޫސްތަކެވެ. އެއީ، ކަންބޮޑުވުން އިތުރުވާ ކަމެކެވެ.

"މީޑިއާ ކައުންސިލް ބައިޕާސްކޮށްފައި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އެއްވެސް މެންޑޭޓެއް ނެތި އެކަން ކުރާ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ހިރިގާ ވިދާޅުވިއެވެ.

https://sun.mv/186413

އެކަމަކު، މިހާތަނަށް ބްލޮކްކުރި ވެބްސައިޓުތަކަކީ އެއްވެސް ގަވާއިދެއްގެ ތެރެއިން ހިނގާ ތަންތަނަށް ނުވުމުން، އެ މައުލޫގައި އިތުރަށް ކަންބޮޑުވުމެއް ނެތެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ނޫހެއްގެ ސީއީއޯއެއް ވިދާޅުވީ، ހުރިހާ ވެސް ކަންބޮޑުވުމަކީ ސަބަބެއް ބަޔާންނުކުރުން ކަމަށެވެ. ސަބަބެއްގައި އަޅުވާފައި، ހަމައެއްގެ ތެރެއިން ސަރުކާރާ ދެކޮޅު އެ ދެ ވެބްސައިޓުގައި ތަޅެއް އެޅުވި ނަމަ ހިތަށް ތަސައްލީއެއް ލިބުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

"މައިގަނޑު ގޮތެއްގައި އެ ދެ ވެބްސައިޓަކީ ސަރުކާރަށް ފާޑުކިޔާ، ސަރުކާރަށް ހަޖޫ ޖަހައި ވެބްސައިޓު. ދެން އޭގައި އިސްލާމް ދީނާ ހިލާފުވާ ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ވާހަކައެއް ދެއްކި ކަމެއް އެނގިފައެއް ނެތް. ކޮން ސަބަބަކާ ހުރެކަން އެނގުން ވަރަށް މުހިއްމު. އެހެންނޫނީ އެއީ ވަރަށް ކަންބޮޑުވާ ކަމެއް،" މީޑިއާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ޚިދުމަތްކުރައްވަމުން ގެންދަވާ އެ ބޭފުޅާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން: ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ވެބްސައިޓެއްގައި ތަޅެއް އެޅުވުމެއް ނޫނެވެ. ބަރަހަނާ ސައިޓުތައް ބަންދުކުރީއިރުގައި ވެސް އެ ބޭފުޅުން ކަމަކަށް ނުހެދިއެވެ.

އެކަމަކު، ކުރިއާލައި އުސޫލެއް އާންމުކުރުމަކައިނުލާ ސަރުކާރާ ދެކޮޅަށް ބަސްބުނަމުން ގެންދިޔަ ވެބްސައިޓުތައް ބަންދުކުރުން އެއީ ތަހަންމަލުކުރެވޭނެ ކަމެއް ނޫނެވެ. ނޫސްވެރިންނަށް ދުރުގައި ބަލަހައްޓައިގެން ވެސް ތިބެވޭނެ ކަމެއް ނޫނެވެ. ނުރުހުންވަނީ އެހެންވެއެވެ. ކަންބޮޑުވަނީ އެކަމާއެވެ. ނުރައްކަލެއްގެ ރަނގަބީލު ޖަހާތީއެވެ.

"ދޮގު ހަދާ، އޮޅުވާލާކަށް ހިތްވަރެއް ނުދެން. އެކަމަކު އުސޫލެއް ހާމަ ކުރުމެއްނެތި ހަމަ ސަރުކާރުން ހިތް ހަމަ ނުޖެހޭ ހިޔާލުފާޅު ކުރުމުން ބުލޮކް ކުރުން މިއީ މި ޒަމާނާ ނުގުޅޭ އަމަލެއް،" ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވިދާޅުވިއެވެ.

"ހިޔާލު ފާޅު ކުރެވެން ޖެހޭނީ ހަމައެކަނި ރަޖިސްޓާކޮށްގެންނެއް ވެސް ނޫން. ދޮގު ހަދާނަމަ ޒިންމާދާރު ކުރުވާ. ހަމަ ހުރެފައި އެއްވެސް ސަބަބެއް ހާމަނުކޮށް ބްލޮކްކުރުން މިއީ ޑިމޮކްރަސީއާއި ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ބީރައްޓެހި ކަމެއް،"

ގާނޫނުގައި ބުނަނީ ކީކޭ؟

ރާއްޖޭގައި ރަޖިސްޓްރީނުކޮށް ނޫސް މަޖައްލާތައް ހިންގުމަކީ މަނާ ކަމެކެވެ. އެހެންވެ، ނޫސް މަޖައްލާއެއްގެ ގޮތުގައި ހިންގޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެންނެވެ.

އެކަމަކު، "މިނިވަންކަމާ އެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން،" ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދެއެވެ.

ދެން ސުވާލަކީ ކުރުސީ.ކޮމްއާއި ދިޔަވަރު ފެތެނީ އެ ތަނުން ކޮން އިމެއްގެ ތެރެއަށްތޯއެވެ.

ނޫސްވެރިއެއް: ނޫސްވެރިން އަންނަނީ ވެބްސައިޓުތައް މަނާކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ސާފުވާ ގޮތުގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.

ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ފާހަގަކުރަނީ ވެސް އެ ނުކުތާއެވެ. ނޫސްވެރިކަމާއި ނޫސް ވެބްސައިޓުތައް ރެގިއުލޭޓުކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް)ގެ މައްޗަކަށް ނޫނެވެ. އެއީ، މީޑިއާ ކައުންސިލުގެ ޒިންމާއެކެވެ. ނޫސްތަކާއި ނޫސްވެރިންނަށް ފިޔަވަޅު އަޅަން ޖެހޭނީ ސަރުކާރަކުން ނޫނެވެ. އެކަން ކުރަން ޖެހޭނީ މީޑިއާ ކައުންސިލް މެދުވެރިކޮށެވެ.

"ޑިމޮކްރަަސީއާ ބީރައްޓެހި މި ފިޔަވަޅުތަކަކީ، ނޫސްތަކަށާއި ނޫސްވެރިން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ވެސް ސަރުކާރުން ދިން ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި މި ޖަމިއްޔާއިން ސިފަ ކުރަމެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއްް ފަހަތަށް ސޮސްސާލައިގެންދާ ފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި މި ޖަމިއްޔާއިން ދެކެމެވެ،" އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހަމައެއް ނެތި ނޫސްތަކުގައި ތަޅު އެޅުވުމަކީ ނުރައްކަލެކެވެ.

comment ކޮމެންޓް