މާލޭ މޭޔަރު ހޮވާ އިންތިޚާބަށް އޮފިޝަލުން ހޯދަނީ

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން -- ފޮޓޯ/ އީސީ

މާލެ މޭޔަރާއި ކައުންސިލަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި ފެށޭ ޖަނަވަރީ މަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.

އެ އިންތިޚާބުގައި އިލެކްޝަންސްގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތި ލުމަށް މިއަދު ވަނީ ހުޅުވާލައިފައެވެ. އީސީއިން ބުނީ އެކަމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ.

އީސީގެ އޮފިޝަލުންގެ ގޮތުގައި އިންތިޚާބުތަކުގައި މަސައްކަތް ކުރާ މީހުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެކޮމިޝަނުން އުޖޫރަދެއެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ފަސް ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާ ޕީޕަލްސް ނެޝަނަލް ފްރޮންޓްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ފުލުސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ސައިފް ފާތިހުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ޝުއައިބު އަލީ(ފުރަހަނި ޝުއައިބު) އެވެ.

މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވީ މުޅި ސިޓީގެ ރައްޔިތުން ވޯޓްލައިގެން މޭޔަރު އިންތިހާބު ކުރާ ގޮތަށް ގާނޫނު ބަދަލު ކުރި ފަހުން ވޯޓުން އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުންނެވެ.

މޭޔަރުގެ މަގާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ އިތުރު ތިން މަގާމެއް އޮތީ ހުސްކޮށެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާ އަލީ ސަލީމާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް، ރައީސް މުއިއްޒު ހުވާ ކުރެވުމަށް ފަހު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އެ ކައުންސިލަރުން އިސްތިއުފާ ދެއްވުމުންނެވެ.

މި އަންނަ މަހުގެ 13 ގައި އޮންނަ ބައި އިލެކްޝަންސްގައި އެ މަގާމުތަކަށް ވެސް ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

comment ކޮމެންޓް