ސިނަމާލެ ބްރިޖު މެއިންޓެނެންސް މަަސައްކަތް އެބަ ކުރިއަށްދޭ: މިނިސްޓްރީ

ސިނަމާލެ ބްރިޖު -- ސަން ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށްވާ ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ޗައިނާ ކުންފުންޏަކުން މިހާރު ވެސް ކުރަމުން އަންނަކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އެހެން ބުނީ، ބުރިޖުގެ މަރާމާތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މީހާރު ވެސް އެ ކުންފުންޏާއެކު އޮތީ ބްރިޖު މެއިންޓެނެންސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އޮތީ އެ މަސައްކަތް ޗައިނާ ކުންފުންޏަކާ ދެ އަހަރަށް ހަވާލުކޮށް އިތުރު މުއްދަތަކަށް ހަވާލުކުރުމުގެ މަޝްވަރާ ފަށައިފައި ކަމަށެވެ.

އެހެންކަމުން މި ސަރުކާރުން ވެސް އެ މަޝްވަރާ ކުރިއަށް ގެންގޮސް އެ ކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ހިންގާ މި ފަދަ ބޮޑެތި މަޝްރޫތަކުގެ މެއިންޓެނެންސްއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށެވެ. އެހެންކަމުން ބްރިޖާއި އެ ނޫން ވެސް ބޮޑެތި މަޝްރޫތައް ބަލަހައްޓަން ދަތިވެ ހަލާކުވާން މަގުފަހިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިނަމާލެ ބްރިޖުގެ މަޝްރޫއަކީ 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ބްރިޖު މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވީ 2018ވަނަ އަހަރުގެ އޯގަސްޓު 30ގައެވެ.

comment ކޮމެންޓް