ސީދާ ރައީސަށް ޝަކުވާއާއި ޚިޔާލު ހުށަހެޅޭނެ ޕޯޓަލެއް ގާއިމްކުރަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ރައީސް އޮފީސް

ސީދާ ރައީސަށް ޝަކުވާއާއި ޚިޔާލު ހުށަހެޅޭނެ ގޮތަށް ރައީސް އޮފީސް ވެބްސައިޓުގައި ޕޯޓަލެއް ގާއިމްކުރަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ކައުންސިލްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން އެވޯޑު ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާއި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކުރާނީ ރައްޔިތުންނާ ގާތުން. ރައްޔިތުންގެ އަޑު އަހައިގެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދައުލަތް ފުރިހަމައަށް ހިންގުމުގައި ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތަކާއި ދަތިތައް އޮޅުންފިލުވުމަކީ ވެސް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމްކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުވާނީ ދެ ފުށް ފެންނަ ގޮތުގައި ހިންގާ ސަރުކާރަކަށް ކަމަށެވެ.

ކަންގަތި އެވޯޑު 2023-- ފޮޓޯ/ ރައީސް އޮފީސް

މި ހަފްލާގައި ވާފަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސިޓީތަކުގެ ކައުންސިލްތަކުގެ އަގުވަޒަން ކުރުން ވެސް ކުރިއަށް އޮތްތަނުގައި އޮންނާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ޒައާމަތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ގެންގުޅޭ އަހައްމިއްޔަތުކަން ހާމަވާކަމަށެވެ.

ސަބަބަކީ މިހާތަނަށް އައިއިރު ކައުންސިލްތައް ބާރުވެރިކުރުވާ ކައުންސިލްތަކުގެ އަޑު އެހުމަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައި ނުވާ ކަމަށާއި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުުގައި ކައުންސިލްތައް ބާރުވެރިނުކުރެވުމުގެ ސަބަބުން ސަރުކާރާ ރައްޔިތުންނާ ނުގުޅެވިފަ އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަތޮޅު ތެރެއަށް ކުރެވުނު ދަތުރުތަކުންނާއި ކައުންސިލްތަކާ ބައްދަލުވެވުމުން އެނގުނީ ކައުންސިލްތަކުގެ އުމްރާނީ ހާލަތު ވަރަށް ދަށްކަން، ކުރީ ސަރުކާރުތަކުން އެކަންކަން ހައްލުކުރަން މަސައްކަތްކޮށްފައި ނުވާކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަމުގެ އެންމެ ކުޑަ މިސާލަކީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް އެންމެ މުހިންމު ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ ފަރާތްތަކަށް އަޅާނުލާ އޮތްކަން ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ރައީސް މުއިއްޒު ހައްލު ގެނަސްދެއްވާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިރޭގެ އެވޯޑު ހަފްލާގައި ކައުންސިލްތަކުގެ މަސައްކަތަށް ބަލައި ދެ ގިންތިއެއްގެ ޕާފޯމަންސް އިންޑެކްސް އެވޯޑުވަނީ ދީފައެވެ. އެއީ ކާންނާ އެވޯޑާއި މާރާދަ އެވޯޑެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްތަކަށް ވެސް ވަނީ އެ ކައުންސިލްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިރިހަވާންތަ އެވޯޑުގެ ނަމުގައި އެވޯޑެއް ދީފައެވެ.

މި އެވޯޑު މާލެ ސިޓީ ކައުންސިލަށާއި، އައްޑޫ ސިޓީ ކައުންސިލަށާއި، ފުވައްމުލަކު ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވަނީ ލިބުނެވެ.

މީގެ އިތުރުން ވެސް އިތުރު އެވޯޑުތައް ކައުންސިލްތަކަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް