ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފި

ހަލީމަތު ލަމްހާ: އޭނާ އަލުން ބަންދުކުރަން ހައިކޯޓުން ވަނީ ހުކުމްކޮށްފައި ---

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، ތިން މަސް ދުވަހަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، އޭނާ އަލުން ބަންދުކުރަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ މަހު 23 ގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ވަނީ މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން ތިން މަސް ދުވަހުގެ މުއްދަތަކަށް ލަމްހާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ދެމިއޮތް ކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއުއާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއުއެވެ.

ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބަހައްޓަން ދަށު ކޯޓުން އަމުރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 22 ގައެވެ. އޭނާ ތިން މަސް ދުވަހަށް ބަންދުން ދޫކޮށްލަން އަމުރުކުރީ އޭގެ ފަހުން ބަންދަށް ލުއިދޭން ލަމްހާގެ ފަރާތުން އެދުމާ ގުޅިގެން އެ އަމުރު ރިވިއުކުރުމަށް ފަހު ދަށު ކޯޓުންނެވެ.

އެކަމަކު، އެ މައްސަލައިގައި ދެން ހިމެނޭ، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެއް ނުވެއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި، މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި، ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

އެންމެ ފަހުން އޮތް އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ އޭނާގެ ފައިގައި ޓެގު އަޅުވާފައި ނަމަވެސް ބަންދުން ދޫކޮށްލަން އެދިފައެވެ. އެއީ، ސިއްހީ ބައެއް ކަންކަމަށް މިހާރު ޖަލުގައި ވެސް ފަރުވާ ހޯދަމުން އަންނާތީ ކަމަށް އެ ދުވަހު ލަމްހާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދިވެހި ނަރުސް ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި، މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމައިފައެވެ.

މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ، މޭރީ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ލަމްހާ ވަނީ ހަށިގަނޑަށް އިންޖެކްޓް ކުރާނެ ގޮތް މާވިންއަށް ކިޔައިދީފައެވެ. އަދި މީހަކު ހޭނައްތައިލާނެ ގޮތުގެ މައުލޫމާތު މާވިން ވަނީ އިންޓަނެޓުން ސާޗުކޮށްފައި ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. މޭރީ މަރާލާފައިވަނީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް