ކަނޑުގެ ބައި ހޯދުމުގެ މަސައްކަތަށް، އަނިލް އިސްކޮށް ހުންނަވާ ކޮމިޓީއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ބަދަލުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް، މި ސަރުކާރުން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިއަދު ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ފުށޫއަރާ، އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ އެކަމާ ގުޅުންހުރި ހުރިހާ ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް ހޯދައި، އެ ލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށް ސަރުކާރުން ބުންޏެވެ.

"އަދި މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އާއި ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފައްޓާފައެވެ،" ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ އެ މަސައްކަތްތަކަށް ޚާއްޞަކޮށް އުފެއްދި ކޮމިޓީގައި ހިމެނޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން ކަމަށެވެ.

އެ ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ އަނިލްގެ ބެއްލެވުމުގެ ދަށުން ކަމަށާއި އޭނާ ކޮމިޓީގައި މަސައްކަތް ކުރައްވަނީ އެއްވެސް އަގެއް ނުނަންގަވާ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ. އަދި އެ މައްސަލައިގައި މިދިޔަ ސަރުކާރުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުއްވުމަށް ބަންޑާރަނައިބު ނިންމަވާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެ މަސައްކަތް ނިމުމުން އެކަމާބެހޭ މައުލޫމާތު އާންމުކުރުމަށް ވެސް ބަންޑާރަނައިބު ނިންމަވާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އޮގަސްޓު 22، 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ. އެ ބަޔާނާއެކު ސަރުކާރުން ވަނީ އެ ސިޓީ އާންމުކޮށްފައެވެ.

އެ ސިޓީއާ ގުޅޭގޮތުން ޞާލިޙް މީގެ ކުރިން ވިދާޅުވެފައިވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަން ކަމަށެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް