ގައުމީ ސަލާމްކިޔުން ހުއްދަކަމަށް ފަތުވާ މަޖިލީހުން ނިންމައިފި

ރައީސް ގައުމީ ސަލާމް ކިޔުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ގައުމީ ސަލާމްކިޔުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ، ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވެ ހުރުމާއި ދިދައަށް ސަލާމްކުރުމާއި އަޅުކަންކުރާއިރު ނޫން ގޮތަކަށް މޭ މަތީގައި އަތް ބޭއްވުމަކީ ވެސް ހަރާމް ކަމެއް ކަމަށް ދޭހަވާ އެއްވެސް ދަލީލެއް ނެތް ކަމަށެވެ.

ގައުމީ ސަލާމް ކިޔުމާއި، ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި، ދިވެހި ގައުމީ ދިދައަށް ސަލާމް ކުރުމާއި، ގައުމީ ސަލާމް ކިޔާއިރު ޝަރުއީ އަޅުކަމެއް އަދާކުރުމުގައި ހަށަމަށް ދެއަތް ބަނދެގެން ހުންނަ ގޮތް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުކަމާ ގުޅުމެއް އޮތްކަމެއް ނޫން ކަމަށް އެ ފަތުވާފައި ވަނީ ބުނެފައެވެ.

"އާދަކާދަތަކުގެ އަސްލަކީ ހުއްދަވުމެވެ. އާދަކާދައާ ގުޅޭ ކަމެއް ޚަރާމްކަމަށް ކަނޑައެޅޭނީ، ޞަރީޙަ ދަލީލަކުން ސާބިތުވުމުންނެވެ،" ފަތުވާގައި ބުނެފައިވެއެވެ.

އެހެންވެ، ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެކަން ޚަރާމްކުރާނެ އެއްވެސް ޞަރީޙަ ދަލީލެއް ފެނިފައިނުވާތީ ހުއްދަ ކަމެއް ގޮތުގައި ކަނޑައަޅާށެވެ.

އާ ސަރުކާރުން ވަނީ ގައުމިއްޔަތާއި ސަގާފަތަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން، ހުވާ ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ނިންމެވީ ވެސް އިރުއޮއްސި ހައެއްގެ ފަހުން ވެސް ގައުމީ ދިދަ ތިރިނުކުރާށެވެ.

މޯލްޑިވް ގޭސް ކުންފުނިން ވެސް ވަނީ އެ ކުންފުނީގެ މަސައްކަތްތައް ގައުމީ ސަލާމުން ފަށަން ނިންމައިފައެވެ.

comment ކޮމެންޓް