3،500 ހަމަވެއްޖެ، ހުށަހަޅާނީ ޔާމީން މިނިވަންވީމާ: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެ، ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އަށް 3،500 އަށްވުރެ ގިނަ ފޯމު ހަމަކޮށް، ވެރިފައިކޮށްފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަނާޅައި ފަސްކުރަނީ އެ މަނިކުފާނު މިނިވަންވަންދެން ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި ޕީޕީއެމުން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު "ސަން"އަށް ވިދާޅުވީ، ޕީއެންއެފް އުފައްދަން ބޭނުންވާ 3،000 ފޯމަށް ވުރެ އިތުރަށް ޕާޓީ އޮފީހަށް ލިބި، ވެރިފައިކުރެވިފައިވާ ކަމަށެވެ. އެކަމަކު، ފުރަތަމަ އީސީއަށް ހުށަހަޅާނީ 3،500 ނުވަތަ 4،000 ފޯމު ކަމަށާއި އެ ފޯމުތައް މިހާރު ހުރީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމަށް އީސީން ހުއްދަ ދިނުން -- ފޮޓޯ/ އަހުމަދު އިޔާދު

"އެންމެ މުހިއްމު ކަމަކީ އެއީ [ޔާމީން މިނިވަންވުން]. އެއީ އެ ޖަލްސާއަކީ މަގާމުތަކަށް މީހުން އިންތިޚާބުކުރާ ޖަލްސާ. އެހެންވީމާ ރައީސް ޔާމީނާ ނުލައި އަޅުގަނޑުމެން އެ ޖަލްސާ ބާއްވާކަށް ބޭނުމެއް ނުވޭ،" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ ބޭނުންވަނީ ގިނަ މީހުންތަކެއް ޕާޓީއަށް ވައްދަން ނޫން ކަމަށެވެ. އެއީ، އެއްފަހަރައި 15،000 އެއްހައި ފޯމު ހުށަހަޅައިފި ނަމަ، އެ ފޯމުތައް ވެރިފައިކުރުން ދިގުލައިގެން ގޮސްދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރަން ގާނޫނުން ލާޒިމުކުރާ އަދަދަކީ 3،000 މެންބަރުންނެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތްކުރަން އީސީން ހުއްދަ ދޫކޮށްފައިވަނީ މިދިޔަ މަހުގެ 29 ގައެވެ. އޭރު މަލީހު ވިދާޅުވީ 24 ގަޑިއިރު ތެރޭގައި ޕާޓީއަށް މެންބަރުން ހަމަކޮށް، ރަޖިސްޓްރީކުރަން ހުށަހަޅުއްވާނެ ކަމަށެވެ. އެކަމަކު، އޭގެ ފަހުން މިހާރު ވަނީ 20 ދުވަސް ފާއިތުވެގެން ގޮސްފައެވެ.

"އަޅުގަނޑުމެން ސަބްމިޓު ކުރާނީ 3،500 ނޫނީ 4،000 ވަރު. އެއަށް ވުރެ އިތުރަށް ފޯމު ހޯދުމުގެ ނީޑެއް ނެތް. ފުރަތަމަ ހުށަހަޅާ މަރުހަލާގައި ބޮޑަށް އެ ވިސްނުމެއް ނޫން އޮތީކީ. އެހެންނޫނީ އަނެއްކާ ވަގުތުތަކެއް ނަގާނީ ވެރިފައިކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ކުރީގެ މިނިސްޓަރު މަލީހު: ޕީއެންއެފް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވަނީ އޭނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ ޕާޓީގެ މަސައްކަތް ކުރައްވާއިރު، ޔާމީން އަދިވެސް ހުންނެވީ މިދިޔަ ޑިސެމްބަރު 25 ގައި ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގައެވެ. އެކަމަކު، ސަރުކާރު ބަދަލުވުމާ އެކު ކުރީ ސަރުކާރުން ވަނީ ޔާމީންގެ ޖަލު ބަންދު ގޭ ބަންދަށް ބަދަލުކޮށް، ކަސްރަތުކޮށް އުޅުމަށް ބޭރަށް ވެސް ދެވޭ ގޮތަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

ވެރިކަމުގައި ހުންނެވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި އިއްވި އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ނިމުމަކާ ގާތްވެފައިވާއިރު، ދެން އޮންނާނީ ހުކުމްކުރުމެވެ. އެކަމަކު، ހުކުމް ކުރާނެ ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންވެ، މަލީހު ވިދާޅުވީ ޕީއެންއެފް އުފެއްދުން މަޑުޖެހިފައި އޮތީ ޔާމީންގެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރަންދެން ކަމަށެވެ.

ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޔާމީން ވަނީ އެ ޕާޓީން މެންބަރުން ވަކިވާ މައްސަލަ ހައްލުކޮށް، ޕާޓީ ވަރުގަދަކުރަން ކޮމިޓީއެއް އެކުލަވައިލާފައެވެ. އެކަމަކު، އެ ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހު ޕާޓީން ވަކިކުރަން ސަރުކާރު ފެކްޝަނުން ނިންމުމުން، ޔާމީން ވަނީ ޕީޕީއެމުން ވަކިވެޑައިގެންފައެވެ. އެއަށް ފަހުގައި ގެންދަވަނީ ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕީއެންއެފް އުފައްދަން ހުށަހަޅާފައިވަނީ ވެސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގައެވެ.

comment ކޮމެންޓް