މެދުއިރުމަތީގެ އެންމެ އާބާދީ ބޮޑު މިޞްރުގެ ރައީސްކަމުގެ ތިންވަނަ ދައުރު މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ކަށަވަރުކުރައްވައިފިއެވެ.
މިޞްރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 10 ން 12 އަށެވެ.
އިންތިޚާބުގައި ސީސީއަށް ލިބިފައި ވަނީ 89.6 އިންސައްތަ ވޯޓު ކަމަށް އެ ޤައުމުގެ އިލެކްޝަންސް އޮތޯރިޓީން ބުނެއެވެ. މީގެ ކުރިން ބޭއްވި ދެ އިންތިޚާބުގައި ވެސް ސީސީ ކާމިޔާބު ކުރެއްވީ 97 އިންސައްތަ ވޯޓާ އެކުއެވެ.
ދިހަ އަހަރު ވަންދެން މިޞްރުގައި ވެރިކަން ކޮށްފައިވާ ކުރީގެ ސިފައިންގެ ވެރިޔާ ސީސީއަށް މިޞްރުގެ 39 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ.
މިޞްރުގެ އިންތިޚާބު ބާއްވައިފައި ވަނީ އެ ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއި، ފައިސާގެ އަގު ވެއްޓުން ހިމެނެއެވެ.
މިޞްރުގެ ރިޔާސީ އިންތިޚާބަށް ސީސީއާ އެކު ކުރިމަތިލެއްވީ ތިން ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކީ ހައި ޕްރޮފައިލް ކެންޑިޑޭޓުންނެއް ނޫނެވެ.
މިޞްރުގެ ރައީސް ކަމުގެ މަޤާމަށް ސީސީ އިންތިޚާބުވެ ވަޑައިގެންނެވީ މުސްލިމް ބްރަދާހުޑްގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓައިލުމަށް ފަހު 2013 ވަނަ އަހަރުއެވެ.
ސީސީގެ ވެރިކަމުގައި، އޭނާގެ ސަރުކާރާ ދެކޮޅު އެތަކެއް ހާސް ބަޔަކު ސިޔާސީ ކުށްވެރިންގެ ގޮތުގައި ވަނީ ޖަލަށް ލައިފައެވެ. އަދި، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޢާންމު ރައްޔިތުން ދީފައިވާ އަހަންމިއްޔަތުކަން ކުޑަ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.