ދެ ހަފުތާއިން 5 މިލިއަން ރުފިޔާގެ ޑުރަގު އަތުލައިގެންފި

ފުލުހުންތަކެއް: ސަރުކާރުގެ ޓާސްކްފޯހުން ވަނީ 5 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑުރަގު އަތުލައިގެންފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެއްޗާ ދެކޮޅަށް އުފައްދާފަައިވާ ޓާސްކްފޯހުގެ މަސައްކަތުން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގަނެ، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ މަތިން އެކުލަވައިލާފައިވާ ޓާސްކްފޯހުން ކުރި މަސައްތުގެ ތެރެއިން ފާއިތުވި ދެ ހަފުތާ ތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 53 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ.

ހިފެހެއްޓި ބިދޭސީންނާއި މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތެވެ. ބިދޭސީން ހިފެހެއްޓީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭތީއެވެ.

އެކަމަކު، އަތުލައިގެން މަސްތުވާތަކެއްޗާ ގުޅޭ އެއްވެސް ތަފުސީލެއް ވަޒީރު ހިއްސާކޮށްފައެއް ނުވެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރައީސް އެކުލަވައިލެއްވި އެ ޓާސްކްފޯހުގައި ހިމެނެނީ ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަން އަދި ކަރެކްޝަންސްއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީ ސަރުކާރުން ވެސް މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް ހާއްސަ ޓާސްކްފޯހެއް ކުރިއަށް ގެންގޮސް، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އޭރު ޓާސްކްފޯސް ހިންގީ ގޭންގުތަކަށް ހާއްސަކޮށް ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.

comment ކޮމެންޓް