ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ސިޔާސަތެއް އެކުލަވައިލާ ވަޒީފާ ދިނުމުގެ މަސައްކަތް ފަށައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އަލުން ފެށުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމަށް ޚާއްޞަ ސިޔާސަތެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެއާ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި އެ ފަރާތްތަކަށް ވަޒީފާ ދިނުމަށްޓަކައި ކަމާ ގުޅުން ހުރި ވުޒާރާތަކުން އެ މަސައްކަތް މިހާރު ކުރިއަގެންދާ ކަމަށް ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެހެން މިނިސްޓްރީންތަކުން ވެސް އެކަމާ ގުޅިގެން ހޯދަން ޖެހޭ ލަފާ ހޯދައި އެކަމަށް ކަންކަން އިތުރު ކުރުމުގެ މަސައްކަތް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަނާ ބެހޭ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ކުރު މުއްދަތެއް ތެރޭ ގެނައުމަށްޓަކައި ނިންމާފައި ވަނީ. އެއީ ބައެއް އޮފީސްތަކުގަ އެބަހުރި އަރާ ފޭބުމުގަ އަދިވެސް ސިޑިތައް. އެކަށީގެންވާ ގޮތެއްގައި އެކަމަށް ހައްލެއް ގެންނަން އެބަޖެހޭ،" ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ ބަދަލު ގެންނަންޖެހޭ އިމާރާތްތަކަށް އެ ބަދަލު ގެނެސް، އަދި ކުރިއަށް އިމާރާތްކުރާ ތަންތަނަށް ވެސް މިފަދަ ބަދަލުތަކާއެކު ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ޑިޒައިން ކޮށްގެން އިމާރާތްތައް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު އުންމީދުކުރަނީ ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ވެގެން ދާނެ ކަމަށް،" ޝަހީބް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މިދިޔަ ސަރުކާރުގައި ވަނީ 3,000 ރުފިޔާއަށް ބޮޑުކޮށް، ގިނަ އެލަވަންސްތަކެއް ތައާރަފު ކޮށްފައެވެ.

އެ ބަދަލާއެކު އެ އަދަދު އިތުރު ކުރުމަށްޓަކައި ގިންތިތަކެއް ހަދައި، 6،000 ރުފިޔާއާ ހަމައަށް އެ އެލަވަންސްތައް ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާ އެކު ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް މަދު ވެގެން 3،000 ލިބޭނެއެވެ.

comment ކޮމެންޓް