އިންތިހާބުގައި ވާދަނުކުރުމަށް ބައްސާމް ނިންމައިފި

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބައްސާމް އަދީލް ޖަލީލް އިތުރު ދައުރަކަށް އިންތިހާބުގައި ވާދަނުކުރުމަށް ނިންމަވައިފިއެވެ.

އެފްއޭއެމުން ހިންގާ ކޮމިޓީން މިއަދު ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ބައްސާމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެފްއޭއެމްގައި އެކިއެކި ހައިސިއްޔަތުން އެތައް ކާމިޔާބީއަކާއި އަދި ކުޅިވަރުގެ ކަންކަން ހިންގާ ބީދައިން އެތައް ނާކާމިޔާބީއަކާ އޭނާ ޓީމުން ކުރިމަތިލާފައިވާ ކަމަށާއި އެގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރަހައްދީ މުބާރާތްތަކުން ސީނިއާ އަދި ޖޫނިއާ ޓީމުތަކުން ވެސް ނުހަނު ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފުޓުބޯޅައަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން ދިވެހި ފުޓުބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އަޅުގަނޑުގެ ވެސް އުންމީދެކެވެ. އެކަން ހާސިލުކުރުމަށް އަޅުގަނޑުވެސް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމެކެވެ. ވުމާއެކު ދިވެހި ފުޓުބޯޅަ އާ ޒައާމަތެއްގެ ގިޔާދަތުގެ ދަށުން ކުރިއަށްގެންދިއުމަށް ފުރުސަތުދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ހާލު، ކުރިއަށް މިއޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަ ނުކުރާނެކަން އިއުލާން ކުރަމެވެ..،" ބައްސާމްގެ ބަޔާނުގައި ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އިލެކްޓޯރަލް ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށާއި އިދާރީ ހިންގުމުގެ ކަންކަން ނައިބު ރައީސާއި ޖެނެރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިނގަމުންދާނެ ކަމަށެވެ.

އެފްއޭއެމުން އިންތިހާބު ބާއްވާކަން އިއުލާންކޮށްފައިވާ އިރު، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފައްޓަވާފައިވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ޓޮމް ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިހާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބައްސާމް އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވެފައިވާ އިރު، އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާއެކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުބާރާތްތައް ކުރިއަށްގެންދެވިފައިނުވާތީ، ފީފާ އިން ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް، އެފްއޭއެމަށް މިހާރު އެއް ލައްކަ ޑޮލަރު ދީފައެވެ. އޭގެ އިތުރަށް ވެސް ފީފާ އިން ދެ ލައްކަ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ އިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރުމުގެ ތުހުމަތެވެ.

ޕީޖީން ބުނެފައިވަނީ ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ތުހުމަތުކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައިވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފްއޭއެމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން ޕީޖީން ފާހަގަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެއްވެސް ފައިސާއެއް އޭނާގެ އެކައުންޓަށް ވަދެފައި ނުވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ އޮޑިޓްތަކުން ވެސް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް