ވެލެންސިއާއިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ވެލެންސިއާ 1-1 ބާސެލޯނާ: ބާސާ އެންމެ ފަހުން ކުޅުނު ތިންމެޗުންވެސް މޮޅެއްނުވެވޭ -- ފޮޓޯ/ ބާސާ ބްލަގްރާނޭސް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗަށް ބާސާއިން ކުރިމަތިލީ އެންމެ ފަހުން ކުޅުނު ދެމެޗުގައި ބަލިވެފައިވުމުން މި މެޗުން މޮޅުވުމުގެ އުންމީދާ އެކުއެެވެ.

ބާސާއިން ވަނީ އެންމެ ފަހުން ލަލީގާގައި ތާވަލުގެ އެއްވަނައިގައި އޮތް ޖިރޯނާ އަތުން ބަލިވުމުގެ އިތުރުން ޗެމްޕިއަންސް ލިގުގެ ފަހު މެޗުގައި ރޯޔަލް އެންޓްވާޕް އަތުން ވެސް ބަލިވެފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މެޗުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގައިފައިވަނީ ބާސާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖާއޮ ފީލިކްސެވެ. ނަމަވެސް ވެލެންސިއާއިން ހިތްވަރު އެލުވައިނުލާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޫގޯ ގުޔާމޮނެވެ.

އެ ނަތީޖާއިން މެޗު އެއްވަރު ވުމުން ލިބުނު ޕޮއިންޓާ އެކު ބާސާއިން މިހާރު ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެއީ، ކުޅުނު 17 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކުއެެވެ. ވެލެންސިއާ އޮތީ 20 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް