އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 31ގައި، ކުރިމަތިލާން ހުޅުވާލައިފި

އެފްއޭއެމް އިން މިއަދު ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައި، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެފްއޭއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި އެ އިދާރާގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ އިދާރާގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އިއުލާންކުރާ ކަމަށާއި އަސާސީ ގަވާއިދުގެ ދަށުން އެފްއޭއެމްގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެ ހުށަހަޅާ ލިޔެކިޔުންތައް ސިޓީ އުރައަކަށްލައި، ސީލް ކުރެވިފައި ހުންނަން ވާނެ ކަމަށް އެފްއޭއެމްގެ އިއުލާނުގައި ބުންޏެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ އިދާރާގެ އިންތިހާބު ކުރިއަށްގެންދަން ޖެހޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. މިއީ އޭނާ އެ މަގާމު އަދާކުރައްވާ ދެވަނަ ދައުރެވެ. އެންމެ ފުރަތަމަ އޭނާ އެ މަގާމަށް އިންތިހާބުވީ 2016 ވަނަ އަހަރުއެވެ.

އެފްއޭއެމުން އިންތިހާބު ބާއްވާކަން އިއުލާންކޮށްފައި މިވަނީ، ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފައްޓަވާފައިވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ޓޮމް ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ. އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިހާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބައްސާމް އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވެފައިވާ އިރު، އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާއެކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުބާރާތްތައް ކުރިއަށްގެންދެވިފައިނުވާތީ، ފީފާ އިން ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް، އެފްއޭއެމަށް މިހާރު އެއް ލައްކަ ޑޮލަރު ދީފައެވެ. އޭގެ އިތުރަށް ވެސް ފީފާ އިން ދެ ލައްކަ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ އިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރުމުގެ ތުހުމަތެވެ.

ޕީޖީން ބުނެފައިވަނީ ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ތުހުމަތުކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައިވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފްއޭއެމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން ޕީޖީން ފާހަގަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެއްވެސް ފައިސާއެއް އޭނާގެ އެކައުންޓަށް ވަދެފައި ނުވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ އޮޑިޓްތަކުން ވެސް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް