އިސްލާހުތައް ހުށަހެޅީ ރައީސް އަޒުލުކުރުމުގެ ވިސްނުމުގައެއް ނޫން: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭގޮތައް ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އެ ދެ ބޭފުޅުން އަޒުލުކުރުމުގެ އެއްވެސް ނިޔަތެއް އޮވެގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް އާޒިމް ވަނީ ރައީސާއި ނައިބު ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 އަދި 203 ވަނަ މާއްދާއަށް ބަދަލު ގެންނަށް އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ.

މަޖިލީހަށް މި އިސްލާހުތައް ހުށަހަޅައި ފާސްވެއްޖެނަމަ، މެޖޯރިޓީ ޕާޓީ އެމްޑީޕީއަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެހެންވެ، މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިނަމަ، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވެގެންދާނެއެވެ.

https://sun.mv/186100

އެއާއެކު، މި އިސްލާހުތައް މި ވަގުތު ހުށަހެޅުއްވި މަގްސަދާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށާއި ގާނޫނު އަސާސީއަށް ވެސް ބައިވަރު ބަދަލުތަކެއް ގެންނަން ޖެހިފައި އެބަހުރިކަމަށެވެ.

އެގޮތުން މި ވަގުތު އޭނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވިސްނުން ބައްޓަންވެފައި އޮތީ ގާނޫނު އަސާސީއަށް ގެންނަން ހުރި މުހިންމު އިސްލާހުތައް ގެނައުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން އޭނާ ހުށަހެޅުއްވި މި އިސްލާހަކީ ވެސް އެ ނިޔަތުގައި ހެޔޮ ބަދަލެއް ގެނައުމަށް ހުށަހެޅުއްވި އިސްލާހެއްކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ފަހަރުގައި މި އިސްލާހު ހުށަހެޅުނު ވަގުތަކީ އެންމެ މުނާސަބު ނޫން ވަގުތުކަމަށް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމާއި، ނައިބު ރައީސް ވަކިކުރުމާ، އެއީ ވެސް އަޅުގަނޑުމެން ކިތަންމެ ދުވަހަކު ދެެއްކި ވާހަކައެއް އެހާ އުނދަގޫ ޕްރޮސެސްއެއްގެ ތެރެއިން އެހާ ދިގުލައިގެން ދިޔައިމާ އެ އޮންނަ ޕްރޮސެސްއެއްގެ ތެރެއިން އޮތް އޮތުން. ކޮންމެ ގޮތަކަށް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ގަވައިދުތަކަށް އެބަ އިސްލާހު ގެންނަން. ކަން ދިމާކުރި ގޮތުން ނުބައި ވަގުތަކާ މި ދިމާވީ،" އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މީގެ ކުރިން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދެމެދު އޮތް ވަގުތުގައި އާޒިމްވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބުކުރުމަށްފަހު ވީ އެންމެ އަވަހަކަށް މަސައްކަތްކުރަންވާނީ އެ މަނިކުފާނުގެ ވެރިކަން ނިންމަން ކަމަށް ވިދާޅުވެފައެވެ.

"މި އޮތް ގޮތަކީ އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިޚާބުގައި [ދެވަނަ ބުރުގައި] އިބްރާހިމް މުޙައްމަދު ޞާލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން، ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު ވަރަށް އަވަހަށް ވެރިކަމުން ބޭލުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" 18 ސެޕްޓެމްބަރުގައި ޑިމޮކްރެޓުން ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވެފައިވެއެވެ.

އޭރު ދެއްކެވި މި ވާހަކައާ ގުޅިގެން މިއަދު ވިދާޅުވީ އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއްކަމަށެވެ. އަދި އެ ވާހަަކައިން ވެސް އެނގެނީ އަބަދުވެސް ދިވެހިންގެ ވިސްނުން ބައްޓަންވެފައި ހުރީ، އެއިރަކު ހުންނަ ވެރިއަކު ބަދަލުކުރުމަށް އެހެން ވެރިއަކު ހޮވަން ކަމަށާއި ގައުމު ހިންގާނެ ގާބިލް މީހަކު ވެރިކަމަށް ގެނައުމަށް ނޫންކަމަށެވެ.

"އެއްވެސް ވިސްނުމެއް ނެތް، ރައީސް މަގާމުން ވަކިކުރާކަށް. އެއީ މި ވަގުތު މުހިންމު އިސްލާހުތަކެއް ހުރުމުން ގެނައި އިސްލާހެއް. ވަރަށް ގިނަ މީހުން ގަބޫލުކުރޭ ސިސްޓަމުގައި މައްސަލަތަކެއް އެބަހުރިކަން،" އާޒިމް ވިދާޅުވިއެވެ.

މިފަދަ އިސްލާހެއް ހުށަހަޅައިފައިވާއިރު، އިދިކޮޅު އެމްޑީޕީންނާއި، އެހެން ޕާޓީތަކުން ވެސް އަދި ތިބީ ސަރުކާރަށް އެއްބާރުލުން ދީގެން މަޖިލީހުގައި މަސައްކަތްކުރުމަށެވެ.

ފާޅުގައި އެއްވެސް ޕާޓީއަކުން އަދި ސަރުކާރާ ދެކޮޅަށް ނިކުމެފައެއް ނުވެއެވެ.

comment ކޮމެންޓް