ޤަތަރުން ޣައްޒާއަށް 50 މިލިއަން ޑޮލަރުގެ އެހީ ދެނީ

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދިޔަ ޓްރަކެއް -- ފޮޓޯ/އަލް އަޙްރަމް އޮންލައިން

އިންސާނީ އެހީގެ ފުރަތަމަ ޕެކޭޖެއްގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޣައްޒާއަށް ދިނުމަށް ޤަތަރުން ނިންމައިފިއެވެ.

އެކަން ޢިއުލާނުކޮށް ޤަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޤަތަރުން ދޭން ނިންމާފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދޭނީ ރެފިއުޖީންނާއި ގެދޮރު ގެއްލިފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންނާއި ޔަތީމު ކުދިންނާއި ޣައްޒާއަށް ޔަހޫދީން ދޭ ޙަމަލާތަކުގެ ސަބަބުން އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންނަށެވެ.

އޭގެ އިތުރުން ޤަޠަރުން ހިންގާ އަލް ފަޚޫރާ ޕްރޮގްރާމްގެ ދަށުން ފަލަސްޠީނުގެ ޒުވާނުންނަށް އަމާޒުކޮށް 100 ސްކޮލާޝިޕް ވެސް ދޭން ނިންމާފައިވާ ކަމަށް ޖެނީވާގައި މި މަހުގެ 13 ވަނަ ދުވަހު ފެށި ދުނިޔޭގެ ރެފިއުޖީންނާ ބެހޭ ފޯރަމްގައި ޤަޠަރުން ޢިއުލާނުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ފޯރަމްގައި ޤަޠަރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޙާރިޖީ ވުޒާރާގެ ނާއިބު ވަޒީރު ލޮލްވާހް އަލްޚަތަރުއެވެ.

ކުރިން 1948 ވަނަ އަހަރުން ފެށިގެން އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައިވާ 5.9 މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރެފިއުޖީންގެ ތަކުލީފުތަކަށް އިންސާފުވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ލޮލްވާހް ފާހަގަކުރެއްވިއެވެ.

އަދި، ބައިނަލްއަގުވާމީ ގާނޫނުތަކުގައި ގަބޫލުކުރާ ފަލަސްޠީނު ރައްޔިތުންގެ ޝަރުއީ ޙައްޤުތަކަށް އިޙުތިރާމްކުރާ ދެމެހެއްޓެނިވި ޙައްލެއް ކަށަވަރުކުރުމުގެ މުހިންމުކަން ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ޔަހޫދީ ޢިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާއަށް ބޭނުންވާ ވަރަށް އިންސާނީ އެހީ ފޯރުކޮށް ނުދެވޭ ކަމަށް އެހީދޭ ޖަމިއްޔާތަކުން ބުނެއެވެ. ޣައްޒާއަށް އިންސާނީ އެހީ މިހާތަނަށް ވެސް ފޯރުކޮށްދެމުން އައީ މިޞްރާއި ޣައްޒާ ގުޅޭ ރަފަޙް ބޯޑަރު މެދުވެރިކޮށެވެ. ނަމަވެސް މިޞްރާއި ޣައްޒާ އަދި ޢިސްރާއީލު ގުޅޭ ސަރަޙައްދީ ރޮގު ކަމަށްވާ ކަރީމް އަބޫ ސާލިމް މެދުވެރިކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޔަހޫދީން މިހާރު ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް