ޕްރިންސިޕަލް ނާސިހާގެ ދިފާއުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ސަލާހުއްދީން ސްކޫލުގައި ކުއްޖަކަށް ބުލީ ކޮށްގެން ކަމަށް ބުނެ، އިއްޔެ ފެންމަތިވި މައްސަލައާ ގުޅިގެން، މީސްމީޑިއާގައި އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސްއާ ދެކޮޅަށް ޕޯސްޓުތައް ޖަހަމުން ދާތީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ޕްރިންސިޕަލުގެ ދިފާއުގައި ތެދުވެވަޑައިގެންފިއެވެ.

ހުޅުމާލޭ ސަލާހުއްދީން ސްކުލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރަކަށް އެ ކުލާހުގައި އުޅޭ ކުދިންގެ ފަރާތުން ބުލީ ކުރުމާއި ޖިސްމާނީ އަނިޔާތައް ކުރިމަތިވާ މައްސަލައެއް އިއްޔެ ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.

އެއާއެކު އެ ސްކޫލްގެ ޕްރިންސިޕަލާއި ކްލާސް ޓީޗަރުގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުކޮށް އެތައް ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ. އެ މީހުން ތުހުމަތު ކުރަމުން ދިޔައީ ބުލީ ކުރެވުނީ ޕްރިންސިޕަލާއި ޓީޗަރުގެ އިހުމާލުން ކަމަށެވެ.

އެކަމާ ގުޅިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ދަންނަ ނާސިހާ އަކީ މި ވަގުތު ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމުގައި ހުރި އެންމެ ރަނގަޅު އެއް ޕްރިންސިޕަލު ކަމަށެވެ.

އަދި އެ ޕްރިންސިޕަލަކީ އަބަދުވެސް ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އޭނާއަށް އެނގިގެން އެފަދަ އެއްވެސް އަނިޔާއެއް އެއްވެސް ދަރިވަރަކަށް ލިބުނަ ނުދޭނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ.

އަދި ހުރިހާ ސްކޫލުތަކަކީވެސް ބުލީ ކުރުމާއި އެފަދަ އަނިޔާތަކުން ސަލާމަތްވެފައިވާ އަމާން ތަނަކަށް ވުން އެދޭ ކަމަށްވެސް އައިޝަތުގެ އެ ޕޯސްޓުގައި ވެއެވެ.

އައިޝަތުގެ އިތުރުން އެ ސްކޫލުގެ ބައެއް ބެލެނިވެރިންނާއި، އާންމުންވެސް ވަނީ ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލާ ދެކޮޅަށް ދައްކަމުން އަންނަ ވާހަކަތައް ކުށްވެރިކޮށް، ޕްރިންސިޕަލުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

އެގޮތުން، އެ ސްކޫލުގެ ދަރިވަރަކަށް ބުލީ ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި އެ ޕޯސްޓުގައި ބުނާ މިންވަރަށް، ޕްރިންސިޕަލް ނާސިހާ ހުންނަ ސްކޫލެއްގައި ބުލީ ކުރުމަށް ފުރުސަތު ނުދޭނެ ކަމަށާއި، އެއީ އެއަށް ވުރެ ދަރިވަރުން ދެކެ ލޯބިވާ ޕްރިންސިޕަލެއްކަމާއި، އެކަން ހާމަވަނީ އޭނާގެ އިޚްލާސްތެރި މަސައްކަތުން ކަމަށް ބުނެވެސް ބައެއް ބެލެނިވެރިން ވަނީ ވާހަކަ ދައްކައިފައެވެ.

ޕްރިންސިޕަލުގެ ދިފާއުގައި ނުކުތް ބައެއް ބެލެނިވެރިންގެ ޕޯސްޓުތަކުގައި ސަލާހުއްދީން ސްކޫލާއި އެ ސްކޫލުގެ މުދައްރިސުންވެސް ވަރަށް ރަނގަޅު ކަމަށް ބުނެފައިވެއެވެ. އަދި ބަޔަކު ޖަހާހާ ޕޯސްޓަކުން ސްކޫލާމެދު ދެކޭ ގޮތް ބަދަލު ނުވާނެ ކަމަށްވެސް އެ ޕޯސްޓުތަކުގައި ބުނެފައިވެއެވެ.

އެއްބަޔަކު ޕްރިންސިޕަލްގެ ދިފާއުގައި ތެދުވެ، މީސްމީޑިއާގައި ވާހަކަ ދައްކަމުންދާއިރު، އަނެއްބަޔަކު ދަނީ، ސްކޫލުތަކުގައި ބުލީ ކުރުން އާންމުވަމުންދާތީ އެކަމާމެދު ކަންބޮޑުވުންފާޅުކޮށް އަޑުއުފުލަމުންނެވެ.

comment ކޮމެންޓް