ޓޮމް އިސްވެ ހުރެ، ބައްސާމް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފި

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް(ކ) އަދި ކުރީގެ ރައީސް ޓޮމް(ވ) --

އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އިސްވެ ހުންނަވައި، އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވެމުންދާ އިރު، ގިނަ ބަޔަކު ދަނީ އޭނާ މަގާމުން އިސްތިއުފާދެއްވުމަށް ވެސް ގޮވައިލަމުންނެވެ. ދާދި ފަހުން ފުލުހުން ވެސް ވަނީ އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ތަހުގީގެއް ވެސް ފަށައިފައެވެ.

އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޓޮމް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބައްސާމް އިސްތިއުފާދެއްވުމަށް ގޮވައިލައްވައިފައެވެ.

"އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ވަނީ ފެށިފައި. ފުޓުބޯޅައަށް ކިރިޔާ ވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން،" ޓޮމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016ވަނަ އަހަރު އިންތިހާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބައްސާމް އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވެފައިވާ އިރު، އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާއެކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުބާރާތްތައް ކުރިއަށްގެންދެވިފައިނުވާތީ، ފީފާ އިން ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް، އެފްއޭއެމަށް މިހާރު އެއް ލައްކަ ޑޮލަރު ދީފައެވެ. އޭގެ އިތުރަށް ވެސް ފީފާ އިން ދެ ލައްކަ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ އިރު، އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންގެ މައްޗަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރުމުގެ ތުހުމަތެވެ.

ޕީޖީން ބުނެފައިވަނީ ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ތުހުމަތުކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައިވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފްއޭއެމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން ޕީޖީން ފާހަގަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެއްވެސް ފައިސާއެއް އޭނާގެ އެކައުންޓަށް ވަދެފައި ނުވާނެ ކަމަށާއި ފީފާ އާއި އޭއެފްސީގެ އޮޑިޓްތަކުން ވެސް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވިފައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް