ބަޔާން އަތުން ބަލިވެ، ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ކަޓައިފި

ބަޔޭންގެ ހަމައެކަނި ލަނޑު ޖަހައިދިން ކިންގްލީ ކޯމަން -- ފޮޓޯ/ ފްލޭޝްސްކޯ ޑޮޓް ކޮމް

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕު އޭގައި ބަޔާން މިޔުނިކް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް އެ މުބާރާތުން ކަޓައިފިއެވެ.

އަމިއްލަ ދަނޑުގައި ބަޔާން އަތުން ޔުނައިޓެޑު ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގައެއް ޔުނައިޓެޑަށް ލިބެން އޮތީ މިމެޗުން މޮޅުވެ، ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމުގެ މެދުގައި ކުޅުނު މެޗު އެއްވަރު ވެގެން ނިމިގެންނެވެ. ނަމަވެސް ދެ މެޗުގެ ނަތީޖާ ވެސް ނުކުތީ ޔުނައިޓެޑާ ދެކޮޅަށެވެ. އެހެންވެ، ޔުނައިޓެޑަށް ވަނީ ޔޫރޮޕާ ލީގުގެ ޖާގައެއް ވެސް ލިބޭގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ބަޔާންއިން ކާމިޔާބު ކޮށްފައިވަނީ ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިންގްސްލީ ކޯމަންއެވެ.

މެޗުގައި ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތްތަކަށް އިތުރަށް ހުރަސް އެޅިގެންދިޔައީ ހެރީ މެގުއާއާއި ލޫކް ޝޯއަށް ފުރަތަމަ ހާފުގައި އަނިޔާ ވުމާ ގުޅިގެންނެވެ.

މެޗުން ބަލިވުމުން ޔުނައިޓެޑް ވަނީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލަށް ވެއްޓިފައެވެ. މިއީ ޔުނައިޓެޑްގެ ތާރީޚުގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހޯދުނު އެންމެ ދަށް ނަތީޖާއެވެ. މި މެޗުން މޮޅުވުމުން ކުރިން ވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ބަޔާން ގްރޫޕް ސްޓޭޖް ނިންމައިލީ 16 ޕޮއިންޓާ އެކުއެވެ.

comment ކޮމެންޓް