ޑިފެންސަށް ރައިސް ބޭނުންކުރީ ހާލަތަށް ތައްޔާރުވާން: އާޓެޓާ

އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް -- ފޮޓޯ/ ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުގައި އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް، ޑިފެންސްގައި ބޭނުންކުރީ ކުރިމަތިލާން ޖެހިދާނެ ހާލަތަކަށް ވިސްނައިގެން ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްވީ އަތުން 1-1ގެ ނަތީޖާއަކުން އާސެނަލް އެއްވަރުވި މެޗުގައި ރައިސް ނުކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 62 ވަނަ މިނެޓުގައެވެ. ވިލިއަމް ސަލީބާގެ ބަދަލުގައި ސެންޓްރަލް ޑިފެންޑަރަކަށް ރައިސް ކުޅުނު ނަމަވެސް، އޭނާ ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެ މެޗުގައި ތަފާތު މަގާމަކަށް ރައިސް ކުޅުވި ސަބަބު، މެޗަށްފަހު ކޯޗު އާޓެޓާ ވަނީ ސާފުކޮށްދީފައެވެ.

"ޓީމުގައި ސެންޓްރަލް ޑިފެންޑަރުގެ މަގާމަށް ތިބީ ވަރަށް މަދު ކުޅުންތެރިންތަކެއް. އަހަރެން ބޭނުންވީ ޑިފެންޑަރުންނަށް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމަށް ތަފާތު ކަމެއް ތަޖުރިބާކޮށްލަން. ރައިސް ވަނީ އެ މަގާމުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ރައިސް އަކީ މީގެ ކުރިން ވެސް ބައެއް މެޗުތަކުގައި އެ މަގާމަށް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި އެމަޖެންސީ ހާލަތުގައި އެ މަގާމަށް ކުޅޭނެ ކުޅުންތެރިންނަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި, ރައިސް އަކީ އެ ހާލަތުގައި އެ މަގާމަށް ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު ކުޅުންތެރިއެއްކަން ފާހަގަވެފައިވާ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ޕީއެސްވީ މެޗުގެ ކުރިން އާސެނަލުން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. "ގްރޫޕު ބީ"ގެ އެއްވަނައިގައި އާސެނަލް އޮތީ ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕީއެސްވީއަށް ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެންސްއަށް ހަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ސެވިއްޔާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

comment ކޮމެންޓް