ޖިރޯނާއިން ބާސެލޯނާ ބަލިކޮށް ތާވަލްގެ އެއްވަނައަށް އަރައިފި

ޖިރޯނާއިން މިސީޒަންގައި އަންނަނީ މޮޅު ކުޅުމެއްދައްކަމުން / ފޮޓޯ: ނިއުސް ވިޖެސްޓީ

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ބަލިކޮށް ތާވަލްގެ އެއްވަނައަށް ޖިރޯނާ އަރައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ޖިރޯނާއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. އަދި ބާސާއިން ވަނީ މިމެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ވަރަށް ފޯރިއާއެކު ބާސާއިން މިމެޗުފެށި ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި އުފެއްދި ކައުންޓާ އެޓޭކެއްގައި މެޗުގެ ލީޑު ނަގާފައިވަނީ ޖިރޯނާއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އާޓެމް ޑޮވްބީކްއެވެ. މިލަނޑާއެކު ބާސާއިން އެޓީމްގެ ހަމަލާތައް ވަރުގަދަކޮށް މެޗުގެ 19 ވަނަ މިނެޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކަރު ފޯވަޑް ރޮބަޓް ލެވަންޑޯސްސީއެވެ.

އެ ލަނޑާއެކު އެ މެޗުގައި ބާސާގެ ކުޅުން އިތުރަށް ރަނގަޅު ވާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ޖިރޯނާ ފެނުނީ ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރާ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖިރޯނާއިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިގުއެލް ގުޓިއަރޭޒްއެވެ. މިލަނޑު ޖެހުމުގެ ކުރިންވެސް ގުޓިއަރޭޒްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ވަރު ލިބުނެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ބާސާއިން މެޗު ޑޮމިނޭޓްކޮށް ޖިރޯނާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ނަމަވެސް އެހަމަލާތަށް ލަނޑަކަށް ބަދަލު ކުރުމުގައި ދިޔައީ ދަތިތަކާ ކުރިމަތިވަމުންނެވެ. މިމެޗުގައި ޖިރޯނާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓްގައި ޖަހައިދިނީ ވެލެރީ ފެނާންޑޭޒްއެވެ. މިމެޗުގައި ބާސާގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޖަހައިދިނީ އިލްކައި ގުންޑޮގާންއެވެ. އަދި ޖިރޯނާއިން މިމެޗުގައި ކާމިޔާބުކުރި ފަހު ލަނޑު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކްރިސްޓިއަން ސްޓުއާނީއެވެ.

މިކާމިޔާބީއާއެކު ޖިރޯނާ މިހާރުވަނީ ކުޅުނު 16 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ ދެ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މިސީޒަންގެ ކުރިން މިހާތަނަށް ގަދަ 10 ޓީމްގެ ތެރޭގައިވެސް ހިމެނިފައިނުވާ ޖިރޯނާ މިސީޒަންގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. އަދި މިމެޗުގައި ބާސާއާ ދެކޮޅަށް ދެއްކި ކުޅުމާއެކު މިސީޒަންގައި ޖިރޯނާއަށް ލީގަށް ވާދަކުރުމުގެ ފުރުސަތު އޮތް ކަން މިވަނީ ސާބިތު ކޮށްދީފައެވެ. މިމެޗުން ބަލިވުމުން ބާސާ ވަނީ، 16 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް