ބަޖެޓު ބަހުސް ނިންމަން ޖަލްސާ 5 ޖަހަންދެން ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް މާދަމާގެ ނިޔަލަށް ނިންމައިލަން މަޖިލީހުގެ މިއަދުގެ ޖަލްސާ ހަވީރު 5:00 ގެ ނިޔަލަށް ދަންމައިލަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ އަންނަ އަހަރަށް ލަފާކޮށް މާލީ ވުޒާރާއިން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް 306 މިލިއަން އިތުރުކޮށް، ފާސްކޮށްފައެވެ. މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވައި، ބަހުސަށް ހުޅުވާލައިފައެވެ.

ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ މާދަމާގެ ނިޔަލަށް ބަޖެޓު ބަހުސް ނިންމައިލަން ޖަލްސާގެ ވަގުތު 5:00 އަށް އިތުރުކުރަން ވޯޓަށް އަހައިފައެވެ.

މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުން ވަނީ ޖަލްސާ ދަންމައިލަން ނިންމައިފައެވެ. އެހެންވެ، މިއަދުގެ ޖަލްސާގައި ބަޖެޓު ރިޕޯޓަށް ބަހުސްކުރުން 5:00ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. އަސްލަމް ވިދާޅުވި ގޮތުގައި އަމާޒަކީ މާދަމާގެ ނިޔަލަށް ބަޖެޓުގެ ބަހުސް އެއްކޮށް ނިންމައިލުމެވެ.

ބަޖެޓު ފާސްކުރިއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ގޮތުގައި 43،120،469،058 (43 ބިލިއަން) ރުފިޔާ ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، އާ ސަރުކާރުން މި ފެށޭ އަހަރަށް ބަޖެޓުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް އޮތް 400 މިލިއަން ރުފިޔާއިން 10 މިލިއަން ވަނީ އުނިކޮށްފައެވެ. އަދި، އިންޑައިރެކްޓް ސަބްސިޑީ އުވައިލައި، ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ވެސް ބަޖެޓު ކޮމިޓީންވަނީ ފާސްކޮށްފައެވެ.

އެހެންވެ، ބަޖެޓަށް ޖުމްލަ ބަޖެޓުގެ ގޮތުގައި 49،855،823،553 (49.9 ބިލިއަން) ރުފިޔާ ވަނީ ބަޖެޓު ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.

މި ނިމޭ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. އަހަަރަކަށް ފަހު އަހަރެއް ދައުލަތުގެ ބަޖެޓު އަންނަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.

comment ކޮމެންޓް