ބެޓިސްއިން ރެއާލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ބެޓިސްގެ ކުޅުންތެރިއެއް ކައިރިން ރެއާލްގެ ރޮޑްރިގޯ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ -- ފޮޓޯ/ މެނޭޖިން މެޑްރިޑް

ސްޕެނިޝް ލަލީގާގައި ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން މޮޅުވިޔަ ނުދީ ރެއާލް ބެޓިސްއިން ހިފަހައްޓައިފިއެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.

ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ރެއާލުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނި ޖޫޑް ބެލިންހަމެވެ. މިއީ އޭނާ ރެއާލަށް ކާމިޔާބުކޮށްދިން 16 ވަނަ ލަނޑެވެ. އަދި، ލަލީގާގައި އޭނާ ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ.

މި ސީޒަންގައި ރެއާލާ ގުޅުނު ބެލިންހަމް އަންނަނީ ރެއާލްގެ މެދުތެރެއިން މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން އެ ޓީމަށް މުހިންމު ލަނޑުތަކެއް ވެސް ޖަހަމުންނެވެ. މިގޮތުން މި ސީޒަންގައި ރެއާލަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވަނީ ވެސް ބެލިންހަމެވެ. އޭނާއާ އެންމެ ގާތުން އުޅޭ ރޮޑްރިގޯއަށް ވެސް ކާމިޔާބު ކުރެވިފައިވަނީ ނުވަ ލަނޑެވެ.

ރޭގެ މެޗުގައި ބެޓިސްއިން އެއްވަރު ކުރި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައިޓޯ ރުއިބާލްއެވެ.

މިމެޗު އެއްވަރުވި ނަމަވެސް ރެއާލް އަދިވެސް އޮތީ 16 މެޗުން ލިބިފައިވާ 39 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް ދެވަނައިގައި މިހާރު އޮތް ޖިރޯނާއާއި ތިންވަނައިގައި އޮތް އެފްސީ ބާސެލޯނާ ބައްދަލުކުރާ މެޗު ޖިރޯނާ ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް އަނެއްކާ ވެސް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެެވެ.

ރެއާލް ބެޓިސް މިހާރު އޮތީ 26 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ.

comment ކޮމެންޓް