ޓެސްލާ 'ސައިބަޓްރަކް'ގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް

ޓެސްލާގެ އެންމެފަހުގެ އިލެކްޓްރިކް "ސައިބަޓްރަކް"ގެ ތޫނު އޭންގަލްތަކާއި ބަރު ސްޓެއިންލެސް ސްޓީލް ބޮޑީގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އެެހެން އުޅަނދުތައް ދުއްވާ މީހުންނަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ކަމާ ގުޅުންހުރި މާހިރުން ފާޅުކޮށްފިއެވެ.

ޓެސްލާގެ ސީއީއޯ އީލޯން މަސްކް މިދިޔަ މަހު އިފުތިތާހު ކުރި މި ވެބްޓްރަކްގައި ހުންނަނީ ހަރު، އަލްޓްރާ ހާޑް 30 އެކްސް ކޯލްޑް ރޯލްޑް ސްޓެއިންލެސް ސްޓީލްއިން ހަދާފައިވާ ބޭރު ތޮށިގަނޑެކެވެ. ދާރަތަކާއި، ކަންތައް ހުންނަނީ ވަރަށް ތޫނުކޮށެވެ.

ޓެސްލާގެ ޓްރަކްގެ ޑިޒައިންގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ރޮއިޓާސްއިން އިންޓަވިއު ކުރި ޕްރޮފެސަރުންނާއި ސޭފްޓީ އޮފިޝަލުން އިންޒާރު ދެނީ، ޓްރަކްގެ ހަރު އަދި ތޫނު ދާރަތަކުގައި ސަލާމަތީ އެއްވެސް ފިޔަވަޅެއް އަޅައިފައި ނެތުމުން އެކްސިޑެންޓްތަކުގައި ދިމާވެދާނެ ނުރައްކާތައް ވަރަށް ބޮޑުވެދާނެ ކަމަށެވެ.

ރޮއިޓާސްއިން ބުނީ އިންޓަވިއު ދިން އެހެން ބައެއް ޢާއްމުންނާއި، ތަޖުރިބާކާރުންވެސް ޓްރަކްގެ ހެވީވެއިޓާއި ޑިޒައިންގެ ސަބަބުން ހިނގާ މީހުންނަށާއި ސައިކަލް ދުއްވާ މީހުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މީގެ ސްޓީލް ބޭރުފުށަށް ވެސް ޔޫރަޕުގައި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އޮފިޝަލުން ބުނެފައި ވަނީ މިއީ މަގުތަކުގައި ވެހިކަލް ދުއްވާ ފަރާތްތައް ހިމާޔަތް ކުރުމަށް އެމެރިކާގައި ހަދާފައިވާ ދުއްވާ އެއްޗެހީގެ ގަވައިދުތަކާވެސް ހިލާފު ކަމެއް ކަމަށެވެ.

ފާޑުކިޔުންތައް އަމާޒުވެފައިވީނަމަވެސް ޓެސްލާ އިން ބުނާ ގޮތުގައި މަސްކްގެ ސައިބާޓްރަކް ވަނީ އެމެރިކާގައި ވިއްކުމަށް ބޭނުންވާ ރެގިއުލޭޓަރީ ސޭފްޓީ ޓެސްޓުތަކުން ފާސްވެފައެވެ.

ފުރަތަމަ ޓްރަކްތައް މިދިޔަ ހަފުތާގައި ކަސްޓަމަރުންނަށް ފޮނުވާފައިވާއިރު، we ޓްރަކްތައް ފުޅާ ދާއިރާއެއްގައި އުފައްދައި ވިއްކަން ފަށާނީ 2025 ވަނަ އަހަރުގައެވެ.

comment ކޮމެންޓް