ވެސްޓް ހޭމްއިން ފަހަތުން އަރައި ސްޕާސް ބަލިކޮށްފި

ވެސްޓް ހޭމް މޮޅުވި ލަނޑު ޖޭމްސް ވާޑް ޕްރޯސް ޖެހުމަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑުން ޓޮޓްނަމް ހޮޓްސްޕާގެ މައްޗަށް ކުރިހޯދައިފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ވެސްޓް ހޭމްއިން ކާމިޔާބުކޮށްފައިވަނީ، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ސްޕާސްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓިއަން ރޮމޭރޯއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕާސްއިން މޮޅަށް ކުޅެނިކޮށް، ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ވެސްޓް ހޭމްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޖެރޯޑް ބޮވެންއެވެ. އަދި، މެޗުން ވެސްޓް ހޭމް މޮޅުވި ލަނޑު ސްޕާސްގެ ޑިފެންޑާ ޑެސްޓިނީ އުޑޯގީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބު ކޮށްދިނީ ޖޭމްސް ވާޑް ޕްރޯސްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މިޔެސް ބުނީ، މިއީ އޭނާގެ ކެރިއަރުގައި ވެސް ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސްޕާސް ކައިރިން ފަހަތުން އަރައި މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެޗުން މޮޅުވުމާ އެކު ވެސްޓް ހޭމް މިހާރު އޮތީ ކުޅުނު 15 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ. އަދި، ސްޕާސް އޮތީ 27 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގައެވެ.

comment ކޮމެންޓް