ޕީއެންސީގެ ޕްރައިމަރީގައި އެމްއެންޕީއާއި އެމްޑީއޭއަށް ވާދަކުރެވޭނެ

ޖެނުއަރީ 27، 2019: ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ހޮވަން ޕީޕީއެމް/ޕީއެންސީން ބާއްވާ އެތެރޭގެ އިންތިޚާބުގައި އެ ކޯލިޝަންގައި ބައިވެރިވެފައިވާ އެމްޑީއޭއާއި އެމްއެންޕީއަށް ވެސް ބައިވެރިވެވޭ ގޮތަށް މިއަދު އުސޫލު ކަނޑައަޅައިފިއެވެ.

މިއަދު ޕީޕީއެމް/ޕީއެންސީން އާންމުކުރި އުސޫލުގައި ބުނެފައިވަނީ އަންނަ އަހަރު ކުރީކޮޅު އޮންނަ މަޖިލީސް އިންތިޚާބަށް ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ އިންތިޒާމުތައް ހަމަޖައްސާނެ އެންމެ މަތީ ކޮމިޓީއަކީ ދެ ޕާޓީގެ ލީޑާޝިޕް ކަމަށެވެ.

އެ އުސޫލުގެ ތިންވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ އެތެރޭގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވައިލަންވާނެ ކަމަށެވެ. އަދި، އެ ފުރުސަތުގައި ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭއާ އެކު އެއްބަސްވެފައިވާ ގޮތެއްގެ މަތިން އެ ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވެސް ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.

އެކަމަކު، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެތެރޭ އިންތިޚާބުގައި ވާދަކުރުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެ އުސޫލެއްގައި ނެތެވެ.

ޕީޕީއެމް/ޕީއެންސީގެ އެތެރޭ އިންތިޚާބާ ގުޅޭ ހުރިހާ އިންތިޒާމެއް ހަމަޖައްސާނެ އެންމެ އިސް ފަރާތަކީ ލީޑާޝިޕެވެ. ލީޑާޝިޕަށް ވަނީ ޕްރައިމަރީއާ ގުޅޭ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން، ކެންޑިޑެސީ ބަލައިގަތުން ވެސް އޮންނަނީ ލީޑާޝިޕަށެވެ. އަދި، ކެންޑިޑޭޓުންގެ ޝަރުތު ހަމަކުރުމުގައި ގާނޫނީ ކަންކަމުގެ އިތުރުން ބެލޭނެ ހަތަރު ކަމެއް ވެސް އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ:

  • އަބުރުވެރި ނަޒާހާތްތެރި ފަރާތެއް ކަމުގައިވުން
  • މަޖިލީހާއި ޙާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • ގާނޫނުތަކާއި ގާނޫނު އަސާސީއަށް ފަރިތަ މިންވަރު
  • ޕާޓީއަށް ޚިދުމަތްކޮށްފައިވާ މިންވަރު

ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްޑީއޭއާއި އެމްއެންޕީއާ އެކު އެއްބަސްވެވޭ ދާއިރާތަކަށް ވާދަކުރަން ޝައުގުވެރިވާ އެ ޕާޓީތަކުގެ މެންބަރުންނަސް ވެސް ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

"ވަކި ދާއިރާއެއް ކަނޑައަޅައި އަޅުގަނޑުމެން އެ ބޭފުޅުންނަކަށް ނުއެއްދެން. ދާއިރާގެ ޓިކެޓު ހޯއްދަވަން ޖެހޭނީ މި ޕްރައިމަރީގައި ވާދަކުރައްވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ކޯލިޝަންގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މި މަހު 23 ވާ ހޮނިހިރު ދުވަހުއެވެ. ޕްރައިމަރީގައި ވޯޓު ލެވޭނީ މި މަހު 10ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންނަށެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް މި މަހު 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް