ދިރާގާއި ވިމެން އިން ޓެކްއިން 'އަވާ އޮފް ކޯޑް' ބާއްވަނީ

ކޯޑިން ސެޝަނެއްގައި ބައިވެރިވަނީ --- ފޮޓޯ/ދިރާގު

ދިރާގާއި ވިމެން އިން ޓެކްއިން ގުޅިގެން، ކޮމްޕިއުޓާ ސައިންސަށް އަހުލުވެރި ކުރުމުގެ ގޮތުން ''އަވާ އޮފް ކޯޑް'' ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަން އިއުލާނުކޮށް ދިރާގާއި ވިމެން އިން ޓެކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ''އަވާ އޮފް ކޯޑް''ގެ މައިގަނޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުކަމަށެވެެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ އެކި ފިޒިކަލް ސެޝަންތައް ކުރިއަށްދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

''އަވާ އޮފް ކޯޑް'' އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ޑިސެމްބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް އެޑިއުކޭޝަން ހަފުތާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

އެގޮތުން މި ހަރަކާތް ރާއްޖޭގައި ކުރިއަށްދާނީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. އެކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އެއްބާރުލުން ލިބޭ ކަމަށް ދިރާގާއި ވިމެން އިން ޓެކުން ބުނެއެވެ.

މި އަހަރުގެ ޕްރޮގޮރާމްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1000 ދަރިވަރުންނާ ހަމައަށް ވާޗުއަލް ކޮށް މި ހަރަކާތް ގެން ދިއުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ، އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. ޕްރީ ސްކޫލުން ފެށިގެން ހުރިހާ ތަޢުލީމީ ލެވެލްގެ ދަރިވަރުންނަށް ވެސް، އެކި ހަރަކާތްތައް ރޭވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސައިންސާއި ކޯޑިންއަށް ލޯބި ޖައްސައ،ި މި ދާއިރާއަށް ކުދިން އަހުލުވެރިކުރުމުގެ މަގުސަތުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓާ ޕްރޮގްރާމިން އާ ބެހޭ މަޢުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތަޢާރަފްކޮށްދޭ ޕްރޮގްރާމެކެވެ. ކޯޑް އޯގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ޤައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

'އަވާ އޮފް ކޯޑް' ގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިންނަށް މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ހަރަކާތުގައި އަމިއްލަ ގޮތުން، ސްކޫލްތަކާއި ޖަމިއްޔާތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށްވެސް
ބައިވެރި ވެވޭނެއެވެ. މި ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްކޫލްތަކުގެ ޓީޗަރުން
ހަރަކާތްތެރިވާނެ ކަމަށް މައުލޫމާތު ދިނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިރާގާއި ވިމެން އިން ޓެކްއިން ދަނީ ކާމިޔާބުކަމާއެކު މި ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ.

މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިން އަށް ތަޢާރަފްކޮށް ކޮމްޕިއުޓާ ސައިންސަށް ޝައުޤުވެރިކަން އުފެއްދުމަށް
ރަނގަޅު ފުރުސަތެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ، ޅަ އުމުރުގައި ކޮމްޕިއުޓާ ސައިންސް ދަސްކުރުމަކީ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެންދާ، އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަން ވެސް އިތުރުވެގެންދާ ކަމެއްކަމަށެވެ.

comment ކޮމެންޓް