ރިތިކް ރޯޝަން އަސްކަރީ ޕައިލެޓެއްގެ ގޮތުގައި

ފިލްމު 'ފައިޓާ'ގެ ޕޯސްޓަރު

ފޭށެ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރުމުގެ މަރުހަލާގައި އޮތް ފިލްމު "ފައިޓާ"ގައި ރިތިކް ރޯޝަން ފެންނާނެގޮތުގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފިއެވެ.

ރިތިކް ރޯޝަން ލީޑް ރޯލުން ފެންނަ މިފިލްމުގެ ޕޯސްޓަރާ އެކު އެކްޓަރު ފެންނާނީ އަސްކަރީ ޕައިލެޓެއްގެ ރޯލުންނެވެ. އަސްކަރީ ޔުނީފޯމްގައި ރިތިކް ފެންނަ މި ޕޯސްޓަރުގައި ރިތިކް ކުޅޭ ކެރެކްޓާގެ ނަމަކީ ޕެޓީކަމަށް މި ޕޯސްޓަރުގައި ވަނީ ބުނެފައެވެ.

މި އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" ރިލީޒްކުރުމަށް ނިންމާފައި ވަނީ ތްރީޑީ އަދި އައިމެކްސް ތްރީޑީ ކޮށެވެ. މިއީ ރިތިކްގެ ފިލްމެއް ތްރީޑީ ފޯމެޓުގައި ސިނަމާއަށް ގެނެސްދޭ ފުރަތަމަ ފަހަރު ވެސް މެއެވެ.

ރިތިކް ރޯޝަންގެ އިތުރުން ބަތަލާ ދިޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު މުހިއްމު ރޯލުތަކުން ފެންނަ މި ފިލްމަކީ ކުރިއަށް އޮތް 2024ވަނަ އަހަރު ރިލީޒްކުރާ ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ. މި ތަރިންގެ އިތުރުން ޓީވީ ސިލްސިލާތަކުން މަގުބޫލުވި އެކްޓަރު ކަރަން ސިންގް ގްރޯވާ އަދި ސަންޖީދާ ޝެއިހް ވެސް މި ފިލްމުގެ ހާއްސަ ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރާނެއެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން ޑައިރެކްޓަރު ސިދާތު އާނަންދުގެ އަމާޒަކީމި ފިލްމަކީ ސިނަމާއަށް ވަންނަ މީހުންގެ ހަނދާނުން ފޮހެލަން ދަތި ސިނަމާ ތަޖުރިބާއަކަށް ހެދުމެވެ.

ފިލްމު 'ފައިޓާ'ގެ ލީޑް ތަރިން، އަނިލް ކަޕޫރު، ދިޕިކާ ޕަދުކޯން އަދި ރިތިކް ރޯޝަން

މިދިޔަ އަހަރު ފިލްމު "ވިކްރަމް ވެދާ"އިން ވަރުގަދަ ހުށަހެޅުމެއް ރިތިކް ރޯޝަން ދެއްކިއިރު އޭނާ ވަނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ ފްރެންޗައިޒް "ވޯ2"ގެ މަސައްކަތް ވެސް ފަށައިފައެވެ.

މި ފިލްމަކީ ރިތިކާއި ބަތަލާ ދިޕިކާ ޕަދުކޯން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 24ވަނަ ދުވަހުއެވެ.

comment ކޮމެންޓް