ރައީސުންގެ އަރިހުގައި ޚިދުމަތް ކުރެއްވި ފާތޭ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އައްޔަންކުރެވުނު ފާތިމަތު މުޙައްމަދު ޞާލިޙު (ފާތޭ) ---

ރާއްޖޭގެ ތިން ރައީސުންގެ އަރިހުގައި ޚިދުމަތް ކުރެއްވި ފާތިމަތު މުޙައްމަދު ޞާލިޙު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އައްޔަނުކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ފާތޭ ޚިދުމަތްކުރެއްވުމަށް ދާއިރާއަށް ނިކުންނަވާފައި ވަނީ 1986 ވަނަ އަހަރުއެވެ.

ރައީސް އޮފީހުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައިވާ ފާތޭ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސެކްރެޓަރީކަން ދިގު މުއްދަތަކަށް ކުރައްވައިފައެވެ.

ހަމައެއާއެކު ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެ މަނިކުފާނުގެ ސެކްރެޓަރީކަން ވެސް ވަނީ ކުރައްވައިފައެވެ.

ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުންނެވި ފާތޭ އެންމެ ފަހުން ވަނީ ބޭބޭފުޅު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ.

ރައީސުންގެ އަރިހުގައި ގާތްގަނޑަކަށް 37 އަހަރު ފާތޭ ޚިދުމަތްކުރެއްވިއެވެ.

comment ކޮމެންޓް