އިޓާލިއަން ސެރީއާގައި އިންޓަ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ބައްދަލުކުރި މެޗު އިންޓައިން ކާމިޔާބުކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު 0-3ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ނަޕޯލީއިންނެވެ.
ނަމަވެސް ނަޕޯލީއަށް މި މެޗުގައި އިންޓަގެ ޑިފެންސް ފޫއަލުވައިލެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި އިންޓައިން ލީޑުނެގީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަކާން ޗަލަނޮގްލޫއެވެ.
މި މެޗުގައި އިންޓަގެ ދެވަނަ ލަނޑު މެޗުގެ 61ވަނަ މިނެޓްގައި ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ނިކޮލާ ބަރެއްލާއެވެ. އަދި އިންޓައިން މި މެޗުގައި ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 85ވަނަ މިނެޓްގައި ޖަހައިދިނީ މާކަސް ތުރާމްއެވެ.
މި ކާމިޔާބިއާއެކު އިންޓަ މިހާރުވަނީ ކުޅުނު 14މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލުގެ އެއްވައިނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
ތާވަލްގެ ދެވަނައިގައި އުޅޭ ޔުވެންޓަސް އަށް 33 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އުޅޭ އޭސީ މިލާނަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ނަޕޯލީ އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.