ލެވަކޫސެންއާއި ޑޯޓްމުންޑްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ލެވަކޫސެން އާއި ޑޯޓްމުންޑްގެ މެޗް ނިމުނީ ދެޓީމް އެއްވަރު ވެގެން / ފޮޓޯ: ފިއާ ދި ވޯލް

ޖަރުމަނު ބުންޑަސްލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާ ލެވަކޫސެންއާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ލެވަކޫސެންއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުކުރީ ޑޯޓްމުންޑްއިންނެވެ.

އެގޮތުން ޑޯޓްމުންޑްއިން ވަނީ މެޗުގެ ފަސްވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ޖަހައިދިނީ ޖޫލިއަން ރިޔާސަންއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ.

މި މެޗުގައި ލެވަކޫސެންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖެހީ މެޗުގެ 79ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވިކްޓާ ބޮނިފޭސްއެވެ. މި ލަނޑާއެކު މެޗުގެ ފަހު 10 މިނެޓްގެ ފޯރި އިތުރަށް ގަދަވި ނަމަވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ

މި މެޗުން އެއްވަރުވުމާއެކު ލެވަކޫސެން މިހާރު އުޅެނީ ކުޅުނު 13 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.

އަދި ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާ ދެމެދު އޮތް ފަރަގުވަނީ ތިން ޕޮއިންޓަށް އިތުރުވެފައެވެ. ނަމަވެސް ބަޔާނުން މި ހަފުތާގައި އަމިއްލަ ދަނޑުގައި ޔޫނިއަން ބާލިންއާއެކު ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ބޯކޮށް ސްނޯ ފައިބާ މެޗު ކުޅެވޭވަރުނުވެ ކެންސަލް ކުރުމުން އެ ޓީމު ނުކުޅެ އޮތް މެޗު ކުޅެގެން ލެވަކޫސެންއާ ޕޮއިންޓްގެ ގޮތުން އަރައި ހަމަކުރުމުގެ އިތުރުން ފައިދާ ގޯލަށް ބަލާއިރު ބަޔާނަށް ކުރި ހޯދުމުގެ ފުރުސަތު އެބައޮތެވެ،،

މި މެޗު އެއްވަރު ވުމުން ޑޯޓްމުންޑް މިހާރު އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.

comment ކޮމެންޓް