ސަރުކާރު ތަމުސީލު ކުރާ ޕީއެންސީގެ ޕީޖީ ލީޑަރަކަށް ސިރާޖު

ސެޕްޓެމްބަރު 25، 2023: ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ދޫކުރެއްވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގަތުން -- ފޮޓޯ/ ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމުސީލު ކުރާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސައިފިއެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ސިރާޖު ހަމަޖައްސައި، އެ ޕާޓީން މިހާރު މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވީ ސިރާޖު އެ ޕާޓީ ދޫކޮށް، ޕީއެންސީއާ ގުޅިވަޑައިގަތީ ނިމުނު ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ.

އެންމެ ފުރަތަމަ ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވީ މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެކަމަކު، އޭނާ ވަޒީރުކަމަށް ވަޑައިގަންނަވަން ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ދެން އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހަމަޖެއްސެވީ ފެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒުލް ރަޝީދެވެ.

އެކަމަކު، އޭނާ ވެސް ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގަންނަވަން މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އެހެންވެ، މިހާރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މެންބަރު ސިރާޖެވެ. އެކަން މިއަދު ވަނީ މަޖިލީހަށް އިއުލާނު ކުރައްވައިފައެވެ.

މަޖިލީހުގައި މި ވަގުތު ތިއްބެވީ ސަރުކާރު ތަމުސީލު ކުރާ ޕީއެންސީގެ ދެ މެންބަރުންނެވެ. އެއީ، ސިރާޖުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވީ އިބްރާހިމް ނަސީމް ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށް ފަހުގައެވެ.

comment ކޮމެންޓް