ޓެސްލާގެ އެންމެ ފަހުގެ 'ސައިބަޓްރަކް'އަށް ގިނަ ފާޑުކިޔުންތަކެއް

ނެރެން ކިޔާތާ ދެ އަހަރަށް ވުރެ ވެސް ގިނަ ދުވަސް ވީފަހުން ޓެސްލާއިން އެންމެ ފަހުން ވަނީ އެ ކުންފުނީގެ 'ސައިބާޓްރަކް ޕިކަޕް' މި ހަފުތާގައި ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ބަޔަކަށް ފޯރުކޮށްދޭން ފަށައިފައެވެ. ނަމަވެސް އޭގެ އަގު 60،990 ޑޮލަރަށް ވުރެ މައްޗަށް ދިއުމާއި ސީއީއޯ އީލޮން މަސްކްގެ ކުރީގެ ވައުދުތަކާ ޚިލާފަށް ޓްރަކްގެ ޑްރައިވިން ރޭންޖު ދަށްވުމުން ޓެލެސްލާގެ އުފެއްދުންތަކަށް އިންތިޒާރު ކުރަމުންދިޔަ ގިނަބައެއްގެ ފާޑުކިޔުން މި ފަހަރުގެ އުފެއްދުމަށް އަމާޒު ވެއްޖެއެވެ.

އަލަށް ތަޢާރަފްކުރި އިލެކްޓްރިކް ޕިކަޕްގެ 'އެންގިއުލާ ސްޓެއިންލެސް ސްޓީލް ބޮޑީ' އާއި އާދަޔާ ހިލާފު ޑިޒައިނުގެ ސަބަބުން އެއްބަޔަކު ޝައުޤުވެރިވީއިރު އަނެއްބަޔަކު ބުނަނީ އެ ޑިޒައިން ޓެސްލާގެ މޮޑެލް އެކްސް އެސްޔޫވީއާ ވަރަށް އެއްގޮތް ކަމަށެވެ.

އިލެކްޓްރިކް ވެހިކަލް އުފެއްދުމުގައި ދުނިޔޭގެ ރަސްގެފާނުގެ މަޤާމު ދިފާއު ކުރަމުން އަންނަ ޓެސްލާގެ ގިނަ ކަސްޓަމަރުން ވަނީ އެ އުޅަނދުގެ ޗާޖް ހިފަހައްޓާ ރޭންޖް އުޅޭނީ 500 މޭލަށް ވުރެ މަތީގައި ކަމަށް ކުރިން އަންދާޒާކޮށްފައިވީ ނަމަވެސް އުޅަނދު ނެރުނު އިރު ރޭންޖު 250 އާއި 300 މޭލާ ދެމެދުގެ އަދަދަކަށް ދަށްވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެއީ އެ ރޭންޖަށް ދުއްވޭ އުޅަނދަކަށް މާ ބޮޑު އަގެއް ކަމަށް އެ މީހުން ބުނެއެވެ.

އެ އުޅަނދުގެ އަގު 39،900 ޑޮލަރުގައި ހިފަހައްޓާނެ ކަމަށް މީގެ ކުރިން މަސްކް ބުނެފައިވީ ނަމަވެސް އުޅަނދު ނެރުނުއިރު އޭގެ އަގު 50 ޕަސެންޓް ބޮޑުވެ، ގިނަ ދުވަސްތަކެއް ވަންދެން އުޅަނދު ނެރުނު ލަސްވުމުން އެއަށް އޮތް ޝައުގުވެރިކަން ވަނީ ކުޑަވެފައެވެ.

މިކަމުގެ ސަބަބުން އޯޑަރުތައް ކެންސަލްވެ، ޓްރަކްގެ ޑިމާންޑް ދަށްވުމުގެ ސަބަބުން އަގުތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު އެނަލިސްޓުން ވަނީ ދީފައެވެ.

ސައިބަޓްރަކްގެ ސަބަބުން ޓެސްލާގެ ބްރޭންޑް ކުރިއަރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ތަޖުރިބާކާރުން ބުނަނީ 2025 ވަނަ އަހަރުގެ ތެރޭގައި އެ އުޅަނދު ގިނަ އަދަދަކަށް އުފައްދަން ފެށެންދެން ޓެސްލާގެ މަގުބޫލުކަން ކުރިއެރުވުމަށް އެ ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.

ޓެސްލާއަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު ސައިބާޓްރަކްއަށް ލިބެމުންދާ ދަށް ތަރުހީބާ ގުޅިގެން، މަސްކްގެ އަމަލުތައް ހުންނަ ގޮތާއި ޓެސްލާގެ މުސްތަގުބަލާ ގުޅުންހުރި ނުރައްކާތައް ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް މަސްކްއަކީ މިފަދަ ކޮންމެ ގޮންޖެހުމަކާވެސް ސާބިތު ކަމާއެކު ކުރިމަތިލައި، ކުރި ހޯދަމުން އަންނަ މީހެއްކަން ފާހަގަކުރަންޖެހޭކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް