ފެލިކްސްގެ ލަނޑުން އެތުލެޓިކޯއަށް ހިތްދަތި ބައްޔެއް

ބާސެލޯނާގެ ހަމައެކަނި ލަނޑު ޖަހައިދިން ޖާއޮ ފީލިކްސް -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖަހައި ބާސާއިން ލީޑު ނަގައިފާވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެތުލެޓިކޯއިން ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި ބާސާއަށް ކުޅެމުންދާ ޖާއޮ ފީލިކްސްއެވެ.

މެޗުގައި އެތުލެޓިކޯއެއް ލަނޑެއް ޖެހުމާއި އެންމެ ގާތަށް ގޮސްފައިވަނީ ކުރިން ބާސާއަށް ކުޅުނު ފޯވަޑް މެމްފިސް ޑިޕާއިއެވެ. ނަމަވެސް އޭނާ ޖެހި ހިލޭ ޖެހުން ވަނީ ބާސާގެ ކީޕާ އިނާކީ ޕެނާ ސަލާމަތްކޮށްފައެވެ. މެޗުގައި ބާސާއަށް ވަނީ އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް ރޮބަޓް ލެވަންޑޯސްކީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ނަތީޖާއާ އެކު ބާސާ މިހާރު އޮތީ ކުޅުނު 15 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، އެތުލެޓިކޯ އުޅެނީ 14 މެޗުން ލިބިފައިވާ 31 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ނަމަވެސް އެ ޓީމު އެއް މެޗު މަދުން ކުޅެފައި ވުމުން އެ މެޗުން އެތުލެޓިކޯ މޮޅުވެއްޖެ ނަމަ ބާސާއަށް ވުރެ ކުރިއަށް ޖެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ދެން ކުޅުނު ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިގޮތުން ސެވިއްޔާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު މަޔޯކާއާއި އަލަވޭޒް އަދި އަލްމޭރިއާއާއި ރެއާލް މެޓިސް ބައްދަލުކުރި ދެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

comment ކޮމެންޓް