ފަހު ވަގުތު ފުލަމް ކައިރިން މޮޅުވެ، ލިވަޕޫލް ދެވަނައަށް

ލިވަޕޫލް މޮޅުވި ލަނޑު ފުލަމް ކޮޅަށް ޖެހުމަށް ފަހު އެލެގްޒެންޑާ އާނޯލްޑް އުފާފާޅުކުރަނީ -- ފޮޓޯ/ ސްޕޯޓްސް ނިއުސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ފުލަމްގެ މައްޗަށް ކުރި ހޯދައި، ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-3 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގައިފައިވަނީ ލިވަޕޫލުންނެވެ. ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ފުލަމްގެ ގޯލަށް ފޮނުވައިލި ހަމަލާ ގޯލަށް ވަދެފައިވަނީ ދަނޑީގައި ޖެހިފައި ނުކުން ވަގުތު ފުލަމްގެ ކީޕަރު ބާނާޑް ލެނޯ ގައިގައި ޖެހިފައެވެ. ލިވަޕޫލުން މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ފުލަމްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން ލިވަޕޫލަށް ކުޅުނު ހެރީ ވިލްސަންއެވެ.

މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 38 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް ފުލަމްއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެނީ ޓޭޓޭއެވެ.

މިމެޗުގެ 80 ވަނަ މިނެޓްގައި ފުލަމްއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބޮބީ ޑި ކޯޑޮވާ ރީޑްއެވެ. މި ލަނޑާ އެކު މި ސީޒަންގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިވެދާނެކަމަށް ހީވެގެން ދިޔައެވެ. ނަމަވެސް އެ ޓީމުން ހިތްވަރު އެލުވައިނުލާ ލަނޑެއް ޖެހުމަށް މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 87 ވަނަ މިނެޓުގައި ވަޓާރޫ އެންޑޯ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑާ އެކު މެޗުގެ ނަތީޖާ ލިވަޕޫލަށް ހަމަހަމަ ކޮށްދިނުމެވެ. އަދި، މި މެޗުން މޮޅުވި ލަނޑު އޭގެ އެއް މިނެޓު ފަހުން ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ އާނޯލްޑެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު އޮތީ 14 މެޗުން ލިބިފައިވާ 31 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު މިހާރުވަނީ ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.

މި މެޗުން ބަލިވުމުން ފުލަމް އުޅެނީ 15 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.

comment ކޮމެންޓް