އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ތިންވަނަ މެޗުން އެއްވަރުވެ، ތާވަލުގެ ތިންވަނައަށް ވެއްޓިއްޖެއެވެ.
ސިޓީ ރޭ އެއްވަރު ވެފައިވަނީ އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕާއާ ބައްދަލުކުރި މެޗުންނެވެ. މި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. ނަމަވެސް މެޗުގެ ފެށުން ރަނގަޅުވީ ސްޕާސްގެއެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިވާ ސްޕާސްއިން ވަނީ މެޗުގެ ހަވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ.
އެ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ސޮން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަ ވެފައެވެ. މެޗުގައި ދެން ފެނިގެންދިޔައީ މެޗުގެ 31 ވަނަ މިނެޓްގައި ސިޓީން ލަނޑެއް ޖަހައި މެޗުގެ ލީޑު އެ ޓީމުން ނެގި ތަނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލް ފޯޑެންއެވެ.
ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބި ބޭކާރުވިކަން ފާހަގަ ކޮށްލެވެއެވެ.
ދެވަނަ ހާފުގައި ސްޕާސް ފެނިގެން ދިޔައީ ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކޮށެވެ. އެ ޓީމުން ހަމަލާއަށް އިސްކަން ދީގެން ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 69 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޮއިވާނީ ލެ ސެލްސޯއެވެ.
މެޗުގައި ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 81 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ޖަހައިދިން ލަނޑުންނެވެ. މި ލަނޑާ އެކު މި މެޗުން ސިޓީ މޮޅުވާނެ ކަމަށް ހީވި ނަމަވެސް އެންމެ ސްޕާސްއިން ހިތްވަރު އެލުވައިނުލާ ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގެ ނަތިޖާއަކަށް ވެގެންދިޔައީ މެޗުގެ 90 ވަނަ މިނެޓުގައި ޑެޔާން ކުލުސޭވްސްކީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ސިޓީން އުފެއްދި ކައުންޓާ އެޓޭކެއްގައި ރެފްރީ ފުރަތަމަ ޕްލޭ އޮން ދެއްކުމަށް ފަހު ޖެކް ގްރީލިޝްއަށް ހުސްކޮށް ގޯލަށް ލަނޑު ޖަހަން ދުއްވައިގަތުމުގެ ފުރުސަތު ލިބުމާ އެކު ކަށިގަނޑު ފުމެ ސިޓީއަށް ޖެހުމެއް ދިނުމާ އެކު ސިޓީގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި ތަން ފެނިގެންދިޔައެވެ.
މި މެޗު އެއްވަރުވުމާ އެކު ސިޓީން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެއްވަރުވެފައެވެ. އެ ޓީމު މިހާރު ވަނީ ކުޅުނު 14 މެޗުން ލިބިފައިވާ 30 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެކަމަކު، ސްޕާސް ވަނީ 27 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފައެވެ.