ޖަޒުބާތު ބޭރުކޮށްލައި އަމްރު ވިދާޅުވީ ނަތީޖާގެ ވާހަކަ ދެން ނުދައްކާނެ ކަމަށް

ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދު -- ސަން ފޮޓޯ/

އެތެރޭ ކޯޅުން ބޮޑުވެފައި އޮތް، ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭ އިންތިޚާބުގެ ނަތީޖާގެ ވާހަކަ ދެން ދައްކަން ނެތިން ކަމަށް އެ އިންތިޚާބުގައި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޕާޓީގެ 33 މަގާމަކަށް މީހުން ހޮވަން އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭ އިންތިޚާބުގެ ނަތީޖާ އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، އެ އިންތިޚާބުގައި ދެން ވާދަކުރެއްވި އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވަނީ ރޭ ކާމިޔާބީ އިއުލާނު ކުރައްވައިފައެވެ.

އެހެންވެ، ޑިމޮކްރެޓްސްގެ އެތެރޭ އިންތިޚާބާ ގުޅިގެން ޕާޓީ އޮތީ ހޫނުވެފައެވެ. އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ މިއަދު މެންދުރު ފަހު ހާމަކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

https://sun.mv/185557

ޑިމޮކްރެޓުންގެ ސަޕޯޓަރުން ތިބޭ ވަޓްސްއެޕް ގްރޫޕެއްގައި އަމްރު ވަނީ އެ އިންތިޚާބާ ގުޅިގެން ޖަޒުބާތުތައް ބޭރުކޮށްލައިފައެވެ. އޭނާ ވިދާޅުވީ، ވަރަށް ގިނަ އިންތިޚާބުތަކުގައި ވާދަކުރެވިއްޖެ ކަމަށާއި ބައެއް އިންތިޚާބުތައް ނާކާމިޔާބު ވެސް ވީ ކަމަށެވެ. އެކަމަކު، އެ ކަމާ ޝަކުވާ ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާއިތުވި 15 އަހަރަށް ވުރެ ގިނަ ދުވަހު އަޅުގަނޑާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ދޫދޭންޖެހޭތަނުގައި ބޮޑުކޮށް ދޫދޭ މީހެއްކަން. އަދި، އަސާސްތަކުގައި ހިފަހައްޓާ މީހެއްކަން،" އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީ ޗެއާޕާސަން އިންތިޚާބަށް އަޅުގަނޑު ނުނިކުމެ ފަހަތަށް ޖެހުނިން. ޑިމޮކްރެޓްސްގެ ކެންޑިޑެސީއަށް [ރިޔާސީ ޓިކެޓަށް] ވާދަނުކޮށް ފަހަތަށް ޖެހުނިން. މަސްލަހަތަށްޓަކައި ފަހަތަށް ޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއް ނޫން،"

އަމްރު ވިދާޅުވީ، އެ ހުރިހާ ފަހަރެއްގައި ވެސް ފަހަތަށް ޖެހުނީ އެއީ ލޯތްބާއި ގުރުބާނީއާ އެކު ކުރި މަސައްކަތަކަށްވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފަހަތަށް ޖެހުނު ނަމަވެސް ކަމެއް ގޯހުންދާ ނަމަ، އެ ވާހަކައެއް ސީދަލަށް ވިދާޅުވާނެ ކަމަށެވެ. އެއީ، އެންމެންގެ ވެސް ރަނގަޅަކަށް ކަމަށް އަމްރު ވިދާޅުވިއެވެ.

"މި އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް އިތުރަށް އެ ނަތީޖާއާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނޭދެން،" އޭނާ ވިދާޅުވިއެވެ.

https://sun.mv/185545

އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ ވަގުތުން އާންމު ނުކުރާނެކަން ހާމަކުރުމާ އެކު ޑިމޮކްރެޓްސްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ. އަދިވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ ހާމަނުކުރާއިރު، އެ ޕާޓީން ބުނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ނަތީޖާ ހާމަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަތީޖާ ހާމަކުރުން ލަސްވުމުން އެ ޕާޓީގެ ބައެއް މެންބަރުން އަންނަނީ ނަތީޖާއަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް