އޮޅުވައިލިކަމަށް ތުހުމަތުކުރާ، ޑިމޮކްރެޓުންގެ އިންތިޚާބުގެ ނަތީޖާ މެންދުރު އިއުލާންކުރަނީ

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން -- ފޮޓޯ/ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މެެންދުރުފަހު އިއުލާންކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިންތިޚާބު ކޮމެޓީގެ މެމްބަރު އަލީ އާޒިމް "ސަން"އަށް ވިދާޅުވީ މިއަދު މެންދުރުފަހު ވަގުތީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ވަކި ވަގުތެއް ނޭނގޭކަމަށް ވިދާޅުވިއެވެ.

ޕާޓީގެ މަގާމުތަކަށް މެމްބަރުން ހޮވުމަށް ޓަކައި އެތެރޭގެ އިންތީޚާބު ބޭއްވީ އިއްޔެއެވެ. ވޯޓުލުން ކުރިއަށް ދިޔައީ ހެނދުނު 10:00 އެއްގައި ފެށި ހަވީރު 16:00އާ ހަމައަށެވެ. ނަމަވެސް ރޭ އެތައް އިރެއް ލަސްވެގެން އައިރު ވެސް ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ.

އެހެންވެ ޑިމޮކްރެޓުންގެ އާންމު މެމްބަރުންނާއި ކެންޑީޑޭޓުން ވެސް ގެންދިޔައީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި ވަގުތީ ނަތީޖާ ލަސްވުމަކީ ވޯޓުގައި އޮޅުވައިލުންތަކެއް ހުރިކަން ހާމަވާ ކަމެއްކަމަށް ބުނެ އެ ތުހުމަތު އައީ ކުރަމުންނެވެ.

ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 35 މަގާމަކަށް މީހުން އިންތިޚާބު ކުރާއިރު އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ.

ބޮޑެތި އޮޅުވައިލުންތަކެއް ހުރިކަމުގެ ތުހުމަތު

ވޯޓުލުމުގައި ހުރި ބައެއް އޮޅުވައިލުންތަކުގެ ގޮތުގައި މެމްބަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބައެއް ރަށްރަށުގައި ވޯޓު ފޮށި ނެތް ނަމަވެސް، އެ ރަށްރަށުގައި ވޯޓުލީކަމަށް ބުނެ ވަގުތީ ނަތީޖާގެ ޝީޓުތައް ހެދުން ހިމެނެއެވެ.

ރައީސްކަމަށް ވާދަކުރެއްވި ދެ މެމްބަރުންގެ ތެރެއިން ހަސަންވަނީ ވަގުތީ ނަތީޖާ އިއުލާނު ވެސް ނުކުރަނީސް، އިންތިޚާބު ކާމިޔާބުކުރެވިފައިވާކަން އަމިއްލަފުޅަށް އިއުލާނުކުރައްވައިފައެވެ. ހަމައެއާއެކު އަމްރު ވެސް ވަނީ ވަގުތީ ނަތީޖާތައް މޮނީޓަރުކުރުމުން އޭނާއަށް ޕާޓީގެ ރައީސްކަން ކާމިޔާބުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

އެއާއެކު މިއީ ވެސް ބޮޑެތި އޮޅުވައިލުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި ދެ ކެނޑީޑޭޓުންނަށް ތާއީދުކުރި އާންމު މެމްބަރުން ތުހުމަތުކުރެއެވެ. އެގޮތުން ޕާޓީގެ އިސް މެމްބަރުންކަމަށްވާ އީވާ އަބްދުﷲއާއި، އިންތިޚާބު ކޮމެޓީގެ މެމްބަރުންގެ ނަހަމަ ނުފޫޒު ވޯޓުގެ ނަތީޖާއާ ކުޅުމުގައި އޮތްކަމަށް މެމްބަރުން ތުހުމަތުކުރެއެވެ.

"ހަމަ ޔަގީންވާ ކަމެއް އެއީ، ފަހު ވަގުތާ ޖެހެންދެން ވެސް ނުފޫޒުގަދަ އެތައް އިސް މެމްބަރަކު ހުރީ ހަސަންއާ އެއްކޮށް. އެކަމު ފަހުން މައްސަލައެއް ޖެހި، ތާއީދު ގެންދިޔައީ. ދެން މަސައްކަތްކުރީ، އަމްރު ހޮވޭތޯ. އެބަހުރި ރަށް ރަށަށް ގުޅައިފައި އަމްރު ހޮވައިދޭން ބުނެފައި ވެސް. ހަމަ ލާރި އެޅުމާ އެ ކަހަލަ އެތައް ކަމެއް،" ޕާޓީގެ އެތެރޭގެ ކަންކަން އެނގޭ މެމްބަރަކު "ސަން" އަށް ކިޔައިދިނެވެ.

ހަމައެއާއެކު ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލި، މެމްބަރު ހުސައިން ފިރުޝާނާއި، މުޙައްމަދު އަންޞަރަށް ލިބުނު ވޯޓާމެދު ވެސް ގިނަ މެމްބަރުންތަކެއް އަންނަނީ އޮޅުވައިލިކަމުގެ ތުހުމަތު ކުރަމުންނެވެ.

ހަމައެއާއެކު ނައިބު ރައީސްކަމަށް ޚާއްސަ އަންހެން ގޮނޑިއަށް ވާދަކުރި މަރިޔަމް ރީހާން ނާޒިމާއި، އައިޝަތު އަލައިކާ އަދުނާނަށް ލިބުނު ވޯޓު އޮޅުވައިލުމުގައި ވެސް ނުފޫޒު ގަދަ މެމްބަރުންގެ ދައުރު ބޮޑުކަމަށް އެ މެމްބަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ޕާޓީގެ އިސް މެމްބަރުން ވަކި މެމްބަރަކު ނަގައި، އެ މެމްބަރަކު ހޮވަން މަސައްކަތް ކޮށްފައި ހުރިކަމުގެ ތުހުމަތު ވެސް ކުރެއެވެ.

"އަންޞަރު ކަޓުވައިލައި، ފިރުޝާން ހޮވަން ވެސް މަސައްކަތްކުރި މެމްބަރުން އެބައުޅޭ. އެއީ ފިރުޝާނާ ވަަރަށް ގާތް ގުޅުމެއް އޮންނަ މެމްބަރުން. އެހެންވެ ކަމަށް ބެލެވެނީ،" މެމްބަރު ކިޔައިދިނެވެ.

މީގެ އިތުރުން އާންމު މެމްބަރުން ތުހުމަތުކުރި ގޮތުގައި، ވޯޓުލުން ކުރިއަށް ދިޔައިރު އޮބްޒާވަރުންގެ ގޮތުގައި ވެސް ހަރަކާތްތެރިވާން ހޮވައިފައި ތިބީ، އެ މެމްބަރުންގެ ބަސް އަހާނެ މީހުންނެވެ.

އަދި އިންތިޚާބު ކޮމެޓީގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންވާއިރު އާޒިމަކީ ވެސް ނަތީޖާ ބަދަލުކުރުމުގައި ކޮމެޓީ ތެރެއިން މަސައްކަތްކުރައްވާ މެމްބަރެއްކަމުގެ ތުހުމަތުކުރެއެވެ.

އަދި ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްވާ ސަބަބަކީ ވެސް އެއީކަމަށް މެމްބަރުން ތުހުމަތުކުރެއެވެ.

comment ކޮމެންޓް