ނަތަންޔާހޫ ބޭނުންވަނީ ފަލަސްތީނު މީހުން ވީހާވެސް މަދުކުރަން

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަަންޔާހޫ -- ފޮޓޯ/އަލް އަހްރަމް އޮންލައިން

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވަނީ ފަލަސްތީނުން ވީހާ ވެސް މީހުން މަދުކުރުން ކަމަށް އިސްރާއީލުގެ އިސްރާއީލް ހަޔޯމް ނޫހުން ބުނެފިއެވެ.

އިސްރާއީލް ހަޔޯމާ ހަވާލާދި މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ އެދިގެން އެކަމާ ގުޅޭ ރޭވުންތައް ރާވަމަން ދަނީ އިސްރާއީލުގެ މިނިސްޓަރު އޮފް ސްޓްރެޓެޖިކް އެފެއާޒް ރޮން ޑަމާއެވެ.

އެކަމަކު، އެ ރޭވުން ވަޒީރުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށް ވެސް ނޭނގޭ ކަމަށާއި ރަސްމީ މުއައްސަސާތަކާއި ފޯރަމްތަކުގައި މަޝްވަރާ ނުކުރާ ކަމަށް ވެސް އެ ނޫހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް އެއީ ހަގީގަތަކަށްވާނެ ރޭވުމެއް ނޫން ކަމަށާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެ ރޭވުމާ ދެކޮޅު ހައްދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.

އެ ނޫހުން ލަފާކުރި ގޮތުގައި މި ރޭވުމަށް ތާއީދުކުރާނީ ނަތަންޔާހޫ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ލިކުޑް ޕާޓީގެ މިނިސްޓަރުންނާއި ގައުމީ ސަލާމަތީ މިނިސްޓަރު އިޓަމާ ބެން ގްވިރް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އޮޓްޒްމާ ޔަހޫދީ ޕާޓީއާއި ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ރިލީޖިއަސް ޒަޔަނިސްޓް ހަރަކާތުންނެވެ.

އެމެރިކާއާއި ބައިނަލްއަގުވާމީ މުޖުތަމައު އަދި މިސްރާ ކުރިމަތިލާން ނުޖެހި އެ ރޭވުން ތަންފީޒު ކުރަން ނަތަންޔާހޫ މަސައްކަތް ކުރާ ކަމަށް ނޫހުން ބުނެއެވެ.

ހަފުތާއެއްގެ މެދުކެނޑުމަކަށް ފަހު ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފަށައިފައިވަނީ ހުކުރު ދުވަހުއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދިޔަ ހަނގުރާމައިގައި ހަމަލާތައް މެދުކަނޑާލާފައި ވަނީ ދެ ފަރާތުގެ ބެލުމުގެ ދަށުގައިވާ މީހުންނާއި، އަސީރުން މިނިވަން ކުރުމަށް އެއްބަސްވެގެންނެވެ.

comment ކޮމެންޓް