މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ޔާމީންގެ ފޮޓޯ ބޭނުން ނުކުރަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރަމުންދާ ކެންޑިޑޭޓުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ކެމްޕެއިން ކުރުމަށް ބޭނުން ނުކުރުމަށް، އެ މަނިކުފާނު އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން އެދެފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބަށް ޔާމީން މިހާތަނަށް އެއްވެސް ކެންޑިޑޭޓަކު އެންޑޯސް ކުރައްވާފައިނުވާ ކަމަށެވެ.

"އެކިއެކި ބޭފުޅުން އެމަނިކުފާނުގެ ފޮޓޯފުޅު ކެންޕެއިންގައި މިވަގުތު ބޭނުންކުރުމަކީ މިޕާޓީއިން ރުހޭ ކަމެއް ނޫންކަމުގައި ދަންނަވަމެވެ," މަލީހްގެ ޕޯސްޓުގައިވެއެވެ.

އެއާއެކު މަލީހު ވަނީ ވިލިމާލެ ދާއިރާއަށް ކުރިމަތިއްލައްވަވާ، އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވިލިނގިލީ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މުޙައްމަދު ޔަޒްމީދުގެ ކެމްޕެއިން ޕޯސްޓަރެއް ހިއްސާކުރައްވާފައެވެ.

އޭގެ ތެރެއިން ޔަޒްމީދުގެ ޕޯސްޓަރުން ރައީސް ޔާމީނާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ފެންނަން ހުރެއެވެ.

ނަހުލާ މަޖިލިސް އިންތިޚާބަށް ކެމްޕެއިން ފައްޓަވައިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެ މަނިކުފާނުގެ ފަހަތްޕުޅުގައި ދެމިހުންނަވާނެ ކަމަށް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްފައި ވަނީ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބުވި ފަހުންނެވެ.

އޭގެ ފަހުން ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ ކަރެކްޝަނަލް ސާވިސްއިން ވަނީ އެ މަނިކުފާނު އިގުރާރާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ރައީސް މުއިއްޒު މިދިޔަ މަހުގެ 17ގައި ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ މަނިކުފާނު އެގޮތަށް އަމަލު ކުރެއްވީ، ރައީސް މުއިއްޒު އެމަނިކުފާނާ ގުޅުން ނުބާއްވަވާތީ ކަމަށް، ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހަމަކުރުމުގެ މަަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް