އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2023ގެ ޗެމްޕިއަންކަން ކިންގްސް ޔުނައިޓެޑް ހޯދައިފިއެވެ.
މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކިންގްސް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަނުން ފެލްކަން ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ކިންގްސް ޔުނައިޓެޑްގެ ހުސެއިން ޝަރީފް(އޮންލީ) ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ފުރަތަމަ ގޯލް ޖެހުމުގައި އެސިސްޓްކޮށްދީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ދެވަނަ ލަނޑު ޖަހާ ކިންގްސްއަށް ޗެމްޕިއަންކަން ޔަގީން ކޮށްދީފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ އޮލީ ފެލްކަންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައިގޮސް ގޯލް ކުރިމައްޗަށް ނަގައިދިން ހުރަހަކުން ސަހަން ނާސިކް (ނާއްކޮ)އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކިންގްސް ޔުނައިޓެޑްގެ ކެޕްޓަން ސާމިޙް އަލީ ޝަރީފް(ސާމިއްޓޭ)އެވެ.
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމާއެކު ރަންބޫޓު ހޯދީ މުބާރާތުގައި ޖުމްލަ 19 ލަނޑު ކާމިޔާބުކުރި ފެލްކަން ޔުނައިޓެޑްގެ މުހައްމަދު ސިމާން(ޝިމަޅޭ)އެވެ.
އެންމެ މޮޅު ގޯލް ކީޕަރު މަގާމް ލިބުނީ ސުޕާ ކިންގްސް ގޯލްކީޕަރު ސާމީ ބަޝީރު އަށެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ސާމިއްޓޭ އާއި ޝިމަޅޭގެ އިތުރުން ފެލްކަންގެ އިބްރާހިމް ސިމާޙް(ތަޑޭ)، ކިންގްސް ޔުނައިޓެޑްގެ އޮންލީ އަދި ސުޕާ ކިންގްސް މުހައްމަދު ފާސިރު(ފާއްޓޭ)އެވެ.
ފެއާ ޕްލޭ ޓީމްގެ މަގާމް އަލްބަޓްރޯސް ޖޫނިއަރސްއަށް ލިބުނު އިރު 18 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އަލްބަޓްރޯސް ޖޫނިއާސްގެ އަހުމަދު އާޙިލް އާމިރު(އާލޭ)އެވެ.
މިއީ ދަރަވަންދޫ ކައުންސިލްއިން ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ނަމުގައި މި މުބާރާތް ބޭއްވި ތިން ވަނަ އަހަރެވެ.