ވޭތުވެދިޔަ ހަތަރު އަހަރަށްވުރެ ގިނައިން މިއަހަރު ޑޮލަރު ފޯރުކޮށްދިނިން: އެމްއެމްއޭ

ސެޕްޓެމްބަރ 7، 2021: އިދާރީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ވޭތުވެދިޔަ ހަތަރު އަހަރަށްވުރެ ގިނައިން މިއަހަރު ޑޮލަރު ދޫކޮށްފައި ވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ، ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ އިދާރާއިން އަބަދު ވެސް ޑޮލަރު ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން، 2019ވަނަ އަހަރު އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ޖުމުލަ 626.6 މިލިއަން ޔޫއެސް ޑޮލަރު ވިއްކާފައި ވާކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ މިދިޔަ އަހަރު ނިމުނު އިރު މި އަދަދު ހުރީ 993.7 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުކޮށްފައި ކަމަށެވެ. އަދި މިއަހަރު އެމްއެމްއޭއިން ޖުމްލަ އިންޓަވެންޝަން ތިން ޕަސަންޓުން އިތުރުކޮށްފައިކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ، މިދިޔަ އަހަރުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާއިރު، އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި މިއަހަރު ވެސް އެސްޓީއޯއަށް ކާޑާއި ބޭހާއި އަދި ތެޔޮ އެތެރެ ކުރުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައި ވާކަމަށެވެ. އަދި ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތަކުން ލޯނު އަނބުރާ ދައްކަން ބޭނުންވާ ޑޮލަރު ވެސް އެމްއެމްއޭ އިން ފޯރުކޮށްދޭ ކަމަށެވެ.

ބޭންކުތަކަށް ދިމާވާ ޑޮލަރުގެ ދަތިތަކަށް ހައްލު ގެނައުމަށް ކުރާ އެހެން މަސައްކަތްތައް ވެސް އެމްއެމްއޭއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ކޮންމެ މީހަކަށް 500 ޑޮލަރު ދޫކުރެވޭ ކަމަށާއި، ޙައްޖާއި ޢުމްރާ ގްރޫޕްތަކަށް ޑޮލަރު ފޯރުކޮށްދޭ ކަން އަދި ރާއްޖެއިން ބޭރުން ބޭސް ފަރުވާއާއި ތަޢުލީމު ހޯދާ ފަރާތްތަކަށް ކަނޑައެޅިފައި އޮންނަ އުސޫލުގެ ދަށުން ޑޮލަރު ފޯރުކޮށްދެވޭކަން އެމްއެމްއޭއިން ފާހަގަ ކުރިއެވެ.

މިވަގުތު ކަޅު ބާޒާރުގައި ޑޮލަރު ރޭޓު އުޅެނީ 18އަށްވުރެ މަތީގައެވެ.

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް އަމިއްލަ އެކައުންޓްގައި ހުންނަ ޑޮލަރު ވެސް ބޭންކުން ދޫކުރަނީ ވަކި މިންވަރަކަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން އޭޓީއެމް ނުވަތަ ބްރާންޗް މެދުވެރިކޮށް ނެގޭނީ 1،600 ޑޮލަރުކަމުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް