ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އަލުން ފަށައިފި

ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޤާސިމް މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން ފައްޓަވައިދެއްވުން-- ފޮޓޯ/ އެޗްޕީއޭ

ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމްއެވެ.

މީގެކުރިން 2020ވަނަ އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނި މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ކެމްޕޭން ފެށިއެވެ. އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު އެ ކެމްޕެއިން ހުއްޓައިލަން ޖެހުނީއެވެ.

އޭގެ ފަހުން މި އަހަރު ހިމަބިހީގެ ކޭސްތަކެއް ވަނީ ފެނިފައެވެ.

https://sun.mv/181745

މިދިޔަ ސެޕްޓެމްބަރު މަހާއި އޮގަސްޓު މަހު ވެސް ހިމަބިހީގެ ކޭހެއް ފެނިފައިވެއެވެ. އެއަށްފަހު އެޗްޕީއޭއިން ވަނީ އެ ދެ ކޭސް އިތުރަށް އިންވެސްޓިގޭޓްކޮށް ކޮންޓެކްޓުންގެ ގޮތުގައި ތިބޭނެ މީހުން ދެނެގަތުމުގެ މަސައްކަތްކޮށްފައެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން ނުވަ މަހުގެ ކުދިންނަށް ދޭއިރު، ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެމުން އަންނަކަމަށެވެ.

"މިއަދު މި ފެށުނު ކެމްޕޭނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ (ދިވެހިންނާއި ބިދޭސީން) ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުން،" އެޗްޕީއޭއިން ބުންޏެވެ.

ހަމައެއާއެކު ވޭތުވެދިޔަ އަހަރުތަކުގައި މީސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައިވާކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ބުނެފައިވެއެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017 ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އަދި 2020 ވަނަ އަހަރު ރުބެއްލާ ނައްތައިލެފައިވާ ގައުމެއް ކަމަށް ކަނޑައެޅިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ފެށި ކެމްޕެއިނާއެކު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

comment ކޮމެންޓް