ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާތީ މައްސަލަ ހުއްޓިފައި

ކްރިމިނަލް ކޯޓުގެ އަޑުއެހުން ނިންމާލުމަށް ފަހު ޝާހިލް ގެންދަނީ: އޭނާއަށް ދައުލަތުން ވަނީ ވަކީލަކު ހަމަޖައްސައިދީފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް ވަކީލުންނާ ވާހަކަނުދައްކާތީ، އެ މައްސަލަ ހުއްޓިފައި އޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޝިއާއު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހުގެ ރެއެވެ. އެ މައްސަލައާ ގުޅިގެން ޝާހިލް ހައްޔަރު ކޮށްފައިވަނީ ވެސް ކުށުގެ ވެށިންނެވެ. އޭނާގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފައެވެ. އަދި، އިތުރު ދެ ދައުވާ އުފުލާފައިވާއިރު އެއީ ކޮން ދެ ދައުވާއެއް ކަމެއް ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ޝާހިލަށް ތަކުރާރުކޮށް އެކިއެކި ވަކީލުން ދައުލަތުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެކަމަކު، އެއްވެސް ވަކީލަކާ ޝާހިލް ވާހަކަނުދައްކައެވެ.

އެހެންވެ، މި ފަހުން އެންމެ އަނިޔާވެރި އެއް މަރު ކަމަށްވާ ޝިއާއުގެ މަރުގެ މައްސަލަ އޮތީ ހުއްޓިފައެވެ.

"އެ މައްސަލަ ކުރިއަށް ނުދަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ [ޝާހިލް]ގެ ފަރާތުން ވަކީލުންނަށް އެއްބާރުލުން ނުލިބިގެން،" ޝަމީމް ވިދާޅުވިއެވެ.

"އޭނާގެ ވަކީލުންނަކައި އޭނާ ވާހަކައެއް ނުދައްކައި. ދައުލަތުން ވަކީލުން އައްޔަންކޮށްދެއްވައި، އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ މިހާރު ތިން ވަކީލުން ދައުލަތުން އައްޔަން ކޮށްދެއްވައިފިއޭ އޭނާއަށް. އެކަމު އޭނާ ވަކީލަކާ ވާހަކަދައްކައިކަށް ބޭނުމެއް ނުވޭ. ވަކީލުންނަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއް ނުވޭ،"

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

އޭނާ ވިދާޅުވީ، ވަކީލުން ޝާހިލާ ބައްދަލުކުރަން ޖަލަށް ދިއުމުން ވެސް އެ މީހުންނާ ވާހަކަ ނުދައްކައި ކަމަށެވެ. އެހެންވެ، އޭނާއަށް އިތުރަށް ވަކީލަކު ހަމަނުޖައްސަން ބަންޑާރަނައިބުގެ އޮފީހުން ނިންމަވާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"ގަދަކަމަކުން ވަކީލެއް ނުއެއް ދެވޭނެ. ދެން އިރާދަކުރެއްވިއްޔާ އެ މައްސަލަ ކުރިއަށްދާނެ ކަމަށް މި ބަލަނީ،" ޝަމީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަނީ ހައެއްކަ މަސް ހޭދަކޮށްފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.

ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށެވެ. އަދި، ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް