މަންތާ އެއާއިން ދ އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ

މަންޓާ އެއާއިން ކުޑަހުވަދޫއިން އިންޑިއާއަށް ސީދާ ދަތުރުތައް ފަށަނީ-- ސަން ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

ދ. ކުޑަހުވަދޫ އެއާޕޯޓުން، އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން މަންތާ އެއާލައިން ނިންމައިފިއެވެ.

އެ އެއާލައިންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރު ޖެނުއަރީން ފެށިގެން އިންޑިޔާގެ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނެ ކަމަށެވެ.

މިއާއެކު އިންޑިއާއިން އަންނަ ފަތުރުވެރިން ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބޭ ވަގުތު ސަލާމަތްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑިވްސް، ރިއު، ބަގްލިއޯނީ، އަންގްސާނާ ވެލާވަރާގެ އިތުރުން ސަން ސިޔާމް އިރު ވެލި އަދި ވިލުރީފް ރިސޯޓް ހިމެނެއެވެ.

މި ދަތުރުތައް ފެށުމުން އެ ރިސޯޓް ތަކަށް ދަތުރު ކުރާ ޓޫރިސްޓުންނަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މަންތާއިން ބުންޏެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަކަމާއެކީ ދަތުރު ކުރެވޭނަކަމަށެވެ. އޭގެ އިތުރުން ރާއްޖެ އަންނަ އިންޑިޔާ ފަތުރުވެރިންގެ އަދަދު ވެސް މިހާރަށް ވުރެން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުންމީދަކީ ކުރިޔަށް އޮތްތަނުގައި މި ހިދުމަށް އިތުރަށް ފުޅާކުރުން ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ މަންތާ އެއާގެ އުދުހުންތައް ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިއީ އެ އެއާލައިންއިން ރާއްޖެއިން ބޭރު ގައުމަކަށް ސީދާ ދަތުރުތައް ފަށާ ފުރަތަމަަ ފަހަރެވެ.

comment ކޮމެންޓް