އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ޖަޕާނުގެ އައްސޭރިފަށަށް ވެއްޓި އެކަކު މަރުވެއްޖެ

އެެމރިކާގެ އަސްކަރީ އޮސްޕްރޯ މަތިންދާބޯޓެއް. ފޮޓޯ/ޕޮލިޓިކޯ

އެމެރިކާގެ އަސްކަރީ އޮސްޕްރޭ މަތިންތާބޯޓެއް ޖަޕާނުގެ ދެކުނުގައި އޮންނަ ކަގޯޝިމާ ޕްރިފެކްޗާގެ ޔަކުޝިމާ ޖަޒީރާގެ އައްސޭރިފަށަށް ވެއްޓުނު ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށް ޖަޕާނު ކޯސްޓްގާޑުން ބުނެފިއެވެ.

އެ މަތިންދާބޯޓުގައި ހަ މީހަކު ތިބި ކަމަށް ކޯސްޓްގާޑުން ބުންޏެވެ. މީގެ ކުރިން އޮފިޝަލުން ބުނީ ބޯޓުގައި އަށް މީހަކު ދަތުރުކޮށްފައިވާ ކަމަށެވެ.

ކޯސްޓްގާޑުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ބޯޓުން ގެއްލުނު މީހުންނާއި ބޯޓު ވެއްޓުނު ސަބަބާ ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ބޯޓު ވެއްޓުނު ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ ޖަޕާނު ގަޑިން، އިއްޔެ މެންދުރު 2:47 ހާއިރެވެ. އެ ބޯޓު ވެއްޓުނު ސަރަހައްދަށް ޖަޕާންގެ ރީޖަނަލް ކޯސްޓްގާޑް ހެޑްކުއާޓަރުން ޕެޓްރޯލް ދޯންޏަކާއި މަތިންދާބޯޓެއް ފޮނުވާފައިވާ ކަމަށް ވެސް ތަރުޖަމާނާ ހަވާލާދީ ބީބީސީން ބުނެއެވެ.

ކަގޯޝިމާ އެއާޕޯޓުގައި ބޯޓު ކުއްލި ގޮތަކަށް ޖެއްސުމުގެ ހުއްދައަކަށް އެދި، ޔަކުޝިމާ އެއާޕޯޓް މެނޭޖްމަންޓް އޮފީހަށް ބުދަ ދުވަހުގެ މެންދުރު ފަހު އެމެރިކާގެ އަސްކަރިއްޔާއިން ގުޅާފައިވާ ކަމަށް ކަގޯޝިމާ ޕްރިފެކްޗާގެ އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮސްޕްރޭ އަސްކަރީ މަތިންދާ ބޯޓު ވެއްޓުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.

މިދިޔަ އަހަރު ކެލިފޯނިއާގެ ގްލާމިސް ކައިރީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި އެމްވީ-22-ބީ އޮސްޕްރޭ ބޯޓެއް ވެއްޓި އެމެރިކާގެ ފަސް ކަނޑުގެ ސިފައިން ވަނީ މަރުވެފައެވެ. ހަމަ އެ އަހަރު ނޯވޭގައި ހިންގި ނޭޓޯގެ ތަމްރީނު ތަމްރީނުތަކުގެ ތެރޭގައި އޮސްޕްރޭ ބޯޓެއް ވެއްޓި އެމެރިކާގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން މިއަހަރުގެ އޮގަސްޓް މަހު އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގެ ތެރޭގައި އޮސްޕްރޭ ބޯޓެއް ވެއްޓި އެމެރިކާގެ ތިން ކަނޑުގެ ސިފައިން މަރުވެ އެތައް ބަޔަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

އޮސްޕްރޭ މަތިންދާބޯޓަކީ ހެލިކޮޕްޓަރެއްހެން ވެސް އުދުހެވޭ މަތިންދާބޯޓެކެވެ.

އާންމުކޮށް އޮސްޕްރޭ އުދުހެން ރައްކާތެރި ނަމަވެސް މި މަތިންދާބޯޓުތަކުގައި މެކޭނިކަލް އަދި އޮޕަރޭޝަނަލް މައްސަލަތައް ދިމާވާ ކަމަށް ސީއެންއެންގެ އަސްކަރީ އެނަލިސްޓް އަދި އެމެރިކާގެ ވައިގެ ސިފައިންގެ ރިޓަޔާޑް ކާނަލް ސެޑްރިކް ލޭޓަން ވިދާޅުވިއެވެ.

comment ކޮމެންޓް