އެފްއެސްއެމްގެ "ތިމާވެށި"، ޕްލާސްޓިކާ ދުރަށް ފިޔަވަޅެއް

އެފްއެސްއެމްއިން އީޖާދުކުރި "ތިމާވެށި" ކޮތަޅު--- ފޮޓޯ: އެފްއެސްއެމް

އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓިކު ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމަށް ޓަކައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން "ތިމާވެށި"ގެ ނަމުގައި ކޮތަޅެއް ތައާރަފްކޮށްފިއެވެ.

އެފްއެސްއެމްގެ ކޯޕަރޭޓް އެފައާޒް އަދި ޕަބްލިކް ރިލޭޝަންގެ ހެޑް ރިޝްފާ މައުމޫން "ސަން" އަށް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އެ ކޮތަޅު އުފެއްދުމުގެ ޚިޔާލު އައީ ޕްލާސްޓިކު ބޭނުންކުރުން މަނާކުރި ހިސާބުން ކަމަށެވެ.

އެގޮތުން އެ ކުންފުނިން ބޭނުންވީ ޕްލާސްޓިކު ކޮތަޅު ބޭނުން ކުރާވަރު އެންމެ މަދުކޮށް، ތިމާވެއްޓާ ރައްޓެހި ބަދަލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިމާވެށި" ނަމުގައި އީޖާދުކުރި ކޮތަޅު ދެ ސައިޒަކުން ލިބެން ހުންނާނެ ކަމަށް ރިޝްފާ ވިދާޅުވިއެވެ.

އެކި ކަންކަމުގައި ބޭނުންކޮށްލުމަށް ފަސޭހަ "ތިމާވެށި" ކޮތަޅު--- ފޮޓޯ:އެފްއެސްއެމް

މި ކޮތަޅަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅަކަށް ވާއިރު އެކި ބޭނުންތަކަށް މި ކޮތަޅު ބޭނުންކުރެވޭނެ ކަމަށް ރިޝްފާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ވިޔަފާރި ކުރުމާއި ބީޗު ފަދަ ތަންތަނަށް ދާއިރު މި ކޮތަޅު ބޭނުންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ އަދި އެ ނޫން ވެސް ކަންކަަމަށް ބޭނުންކުރެވޭނެއެވެ.

އެފްއެސްއެމް އިން ބުނީ، މި ކޮތަޅުގެ ބޮޑު ސައިޒް ފަތްޖަހައިލައިގެން ކުޑަކޮށްލައިގެން ފަސޭހައިން ތަންތަނަށް ގެންދެވޭނެ ކަމަށެވެ.

އެފްއެސްއެމްއިން އީޖާދުކުރި "ތިމާވެށި" ކޮތަޅު--- ފޮޓޯ: އެފްއެސްއެމް

އެއާއެކު ކުންފުނިން މިހާރު ނިންމައިފައި އޮތީ އެފްއެސްއެމްގެ އައުޓްރީޗް މަަސައްކަތުގެ ތެރެއިން ސްކޫލުތަކަށާއި އެންޖީއޯތަކަށް އެ ކޮތަޅު ބަހަންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެފްއެސްއެމްއިން ބުނީ، ތިމާވެށިގެ ރީތިކަން ދެމެހެއްޓުމަށް ޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކަކީ ރާއްޖޭގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗަކަށް ވާއިރު، ސަރުކާރުން އަންނަނީ ޕްލާސްޓިކު ބޭނުންކުރާ މިންވަރު މަދު ކުރެވޭތޯ ފިޔަވަަޅުތަކެއް އަޅަމުންނެވެ.

comment ކޮމެންޓް