އިންޑިއާގެ ކްރިކެޓު ކޯޗު އެއްބަސްވުން އާކޮށްފި

އިންޑިއާ ކްރިކެޓް ޓީމުގެ ކޯޗު ޑްރަވިޑާއި ކެޕްޓަން ރޯހިތު -- ފޮޓޯ/ ބީބީސީ

އިންޑިއާ ކްރިކެޓް ޓީމުގެ ހެޑް ކޯޗު ރާހުލް ޑްރަވިޑް އެ މަގާމުގައި މަޑުކުރަން ނިންމައި، ކޮންޓްރެކްޓު އާކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ޑްރަވިޑް ވަނީ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)އާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކްރިކެޓްގެ ހުރިހާ ފޯމެޓެއްގައި ވެސް އިންޑިއާ ޓީމުގެ ކޯޗަކަށް ހުންނާނީ ޑްރަވިޑެވެ.

އުމުރުން 50 އަހަރުގެ އިންޑިއާގެ ކުރީގެ ބެޓްސްމަނެއް ކަމަށްވާ ޑްރަވިޑް އިންޑިއާ ޓީމުގެ ހެޑް ކޯޗު ކަމުގެ މަގާއި ހަވާލުވެފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި، އޭނާ އޭރު ހެދި އެއްބަސްވުން ވަނީ ނިމިދިޔަ އައިސީސީ ކްރިކެޓް ވޯލްޑް ކަޕާ އެކު ހަމަވެގެން ގޮސްފައެވެ. އެ މުބާރާތް ކާމިޔަބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ އިންޑިއާ ވަނީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް އޮސްޓްރޭލިއާ އަތުން ބަލިވެފައެވެ.

އާ އެއްބަސްވުމުގެ ދަށުން ޑްރަވިޑް އިންޑިއާ ޓީމުގެ ކޯޗެއްގެ ގޮތުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީ 20 ވޯލްޑް ކަޕް ނިމެންދެން ހުންނާނެއެވެ.

ޑްރަވިޑަކީ އިންޑިއާ ދުއް އެންމެ ފާހަގަ ކޮށްލެވޭ ބެޓްސްމަނުންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ 164 ޓެސްޓު ކުޅެ 13،288 ލަނޑު ހަދައިދީފައެވެ. ޑްރަވިޑްގެ ކޯޗު ކަމުގެ ދަށުން އިންޑިއާ ވަނީ ޓެސްޓް މެޗުތަކާއި 50 އޯވަރުގެ އެއް ދުވަހުގެ މެޗުތަކާއި ޓީ 20 ގައި ވެސް ދުނިޔޭގެ އެއްވަނަ މަގާމަށް އަރައިފައެވެ. ނަމަވެސް 2011 ވަނަ އަހަރަށް ފަހު އިންޑިއާއަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި ފަހަރު އިންޑިއާގައި ބޭއްވި މުބާރާތަކީ އެ ގައުމުން ތައްޓަށް އެންމެ ބޮޑަށް އުންމީދު ކުރި ފަހަރެވެ. ނަމަވެސް އެންމެ ފަހު ވަގުތު ތަށި އަތުން ބީވެގެން ދިޔައީއެވެ.

comment ކޮމެންޓް