އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ އަދި އާބަންކޯގެ އެމްޑީ އަކަށް ފަޒުލް

އާސަންދަ އަދި އާބަންކޯ އަށް އަލަށް އައްޔަނު ކުރެވުނު ދެ އެމްޑީން---

ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ އާސަންދަ އަދި އާބަންކޯއަށް މުޅިން އާ ދެ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވައިފިއެވެ.

އާސަންދައިގެ އެމްޑީއަކަށް އައިމިނަތު ޒީނިޔާ ހަމަޖައްސާފައިވާއިރު އާބަންކޯ ގެ އެމްޑީއަކަށް ހަމަޖައްސައިފައިވަނީ އިބްރާހިމް ފަޒުލް ރަޝީދެވެ.

ޒީނިޔާ މީގެ ކުރިން ހުންނެވީ އާސަންދައިގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައެވެ.

އާސަންދައިން ބުނީ ޒީނިޔާ އަކީ އެ ކުންފުނީގައި މަސައްކަތް ކުރައްވާ އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފު ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އާސަންދައިގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އެންމެ ފުރަތަމަ ޒީނިޔާ މަސައްކަތް ކުރެއްވީ އެ ކުންފުނީގެ މެޑިކަލް ޑިރެކްޓަރެއްގެ މަގާމުގައެވެ.

އެއަށް ފަހު ޒީނިޔާ ވަނީ އާސަންދައިގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެއްގެ މަގާމު ވެސް ފުރުއްވައިފައެވެ. އަދި އެއަށް ފަހު ޖެނެރަލް މެނޭޖަރެއްގެ ހައިސިއްޔަތުން އާސަންދައިގައި މަސައްކަތް ކުރައްވާ، މިއަދު އޭނާ ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރައްވައިފައެވެ.

އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއާނެސް ޑިޕާޓްމަންޓާއި ކަސްޓަމާ ސާވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައް ވެސް ބަލަހައްޓަވާފައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާސަންދައިގައި މަސައްކަތް ކުރައްވަން ފެއްޓުވުމުގެ ކުރިން ޒީނިޔާ ވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ. އަދި ދިގުމުއްދަތަކަށް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ.

މީގެ އިތުރުން، 2008 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ލިބުނު ސްކޮލަޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނާސިން އިން މާސްޓާސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި ވެސް އޭނާ ވަނީ މަތީ މަގާމުތައް ފުރުއްވައިފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރު ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓާސް އޮފް ސައިންސްއިން ޕަބްލިކް ހެލްތު ޙާސިލް ކުރައްވާފައެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ފަޒުލް މިހާތަނަށް ހުންނެވީ ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައެވެ. އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑަބްލިޔުއެސްސީގެ އެމްޑީކަން ކުރައްވައިފައެވެ.

comment ކޮމެންޓް