ސީކުއަލްގެ ފިލްމުތަކުގެ ލިސްޓަށް އަކްޝޭގެ ފިލްމެއް

ފިލްމު "އަންދާޒް"ގެ ޕޯސްޓަރެއް

އިންޑިއާއަށް ރީތީގެ ރާނީގެ ތާޖު ހޯދައިދިން ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާއާއި ލާރާ ދައްތާ ފިލްމީ ދުނިޔެއަށް ތަޢާރަފުވި "އަންދާޒް"ގެ ސީކުއަލްއެއް އުފައްދަން ނިންމައިފިއެވެ.

މި ދެ ބަތަލާއިންނާ އެކު އަކްޝޭ ކުމާރު ލީޑު ރޯލު ކުޅުނު "އަންދާޒް" އަކީ 2003ވަނަ އަހަރު ރިލީޒްވެ ބޮކްސް އޮފީހުގައި ވެސް އެދެވޭ ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ފިލްމު "އަންދާޒް"ގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާއިރު މި ދުވަސްވަރަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ ސީކުއަލްތައް އުފައްދަން ނިންމާފައިވާކަމުގެ ޚަބަރު ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ސަނީ ޑިއޯލްގެ ފިލްމު "ގަދަރު2" ރިލީޒްވެ ބޮކްސް އޮފީހުގައި ހޯދި ބޮޑު ކާމިޔާބީއާ އެކު ގިނަ ޕްރޮޑިއުސަރުން ބޭނުން ވަނީ ކުރިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ފިލްމުތަކުގެ ސީކުއަލްއެއް އުފެއްދުމަށެވެ.

މީގެ 20 އަހަރު ކުރިން ވުޖޫދަށް އައި "އަންދާޒް"ގެ ސީކުއަލްގެ މަސައްކަތް މިއަދު ފަށަން ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ސުނީލް ދަރުޝަން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި، ސީކުއަލްއިން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ މުޅިން އާ މޫނުތަކެއް ފެންނާނެ ކަމަށް ވެސް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ފިލްމު "އަންދާޒް"ގެ ޕޯސްޓަރެއް އަދި ޕްރޮޑިއުސަރު ސުނީލް ދަރުޝަން
ފިލްމު "އަންދާޒް" ކުރިން ޑައިރެކްޓްކުރީ އެހެން ފަރާތެއް ކަމަށް ވިޔަސް މި ފަހަރުގެ ސީކުއަލް ޕްރޮޑިއުސްކޮށް ސްކްރިޕްޓް ތައްޔާރުކުރުމާ އެކު ފިލްމު ޑައިރެކްޓް ކުރަން ބޭނުންވަނީ ވެސް އަމިއްލައަށް ކަމަށް ސުނީލް ވަނީ ބުނެފައެވެ.

މި ފަހަރުގެ ސީކުއަލްއިން އާ ތަރިންތަކެއް ތަޢާރަފުކުރާނެ ކަމަށް ސުނިލް ބުނި ނަމަވެސް އެއީ ކޮން ތަރިންނެއް ކަމެއް ނުބުނެއެވެ.

comment ކޮމެންޓް